25 Aug 2020, 19:37
ވެންޓިލޭތަރުތައް ގަތުމަށް ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ މަންދޫބާއެކު ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި އެއީ ރަސްމީ މުއާމަލާތްތަކެއް ކަމަށް މިވަގުތު މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ހުންނެވި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާ ޖެނެއަލް ޓްރޭޑީން ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ލަފާ ދީގެން ހޮވި ކުންފުންޏެއް ކަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި ހެލްތް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޮޑެތި މަކަރާއި ހީލަތްތައް ފެންމަތިކޮށްފައިވާ އެ އޮޑިޓް ރިޕޯޓާ ގުޅިގެން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހެލްތް މިނިސްޓްރީގެ އިސްވެރިން ހާޒިރު ކުރި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، އެންމެ ފުރަތަމަ ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރި ދިވެހި ދެ ކުންފުންޏަކަށް ބޭނުންވާ ތާރީހަށް ވެންޓިލޭޓަރުތައް ނުގެނެވިދާނެ ކަމުގެ ބިރު ހީވުމުން އެތަށް ފުރާނައެއް ގެއްލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ކަމުން އެ ކުންފުނިތަކަށް ވެސް އެ ވެންޓިލޭޓަރުތައް ނުގެނެވިގެން ސަރުކާރުގެ އަމާޒަކަށްވީ ވީހާވެސް އަވަހަކަށް ވެންޓިލޭޓަރުތައް ގެނައުމަށް މަގެއް ހޯދުން ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން މިނިސްޓްރީންވެސް މަސައްކަތް ކުރީ އޭރު ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ވެންޓިލޭޓަރު ގެނާނެ ބަޔަކު ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން އަޅުގަނޑު ސިދާ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ އޮފީހުގެ މަންދޫބަކާ ވާހަކަ ދެއްކިން. އަޅުގަނޑު ދެންނެވިން ވެންޓިލޭޓަރު ހޯދުމުގައި ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެގެންނޭ މިއުޅޭނީ. އެކަން ކުރުމަށް އެއްވެސް މައުލޫމާތެއް ހުރި ނަމަ އެކަން ހިއްސާކޮށްދިނުމަށް،" އަމީން ވިދާޅުވި އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އަމީން ވާހަކަ ދައްކަވަނީ ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ، އޭގެ ދެ ދުވަސް ފަހުން އެ މަންދޫބު ވެންޓިލޭޓަރު ހޯދުމަށްޓަކައި "ނަމަކާއި ކޮންޓެކްޓް ނަންްބަރެއް" ދެއްވި އެވެ. އަދި އެ މަންދޫބާއެކު ކުރެވެނީ އަމިއްލަ މުއާމަލާތެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާޥެފައިވާ ސިއްހީ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވުނު މުއާމަލާތެއް ކަމަަށެވެ.
"އެ ހިސާބުން އަޅުގަނޑު އެ މައުލޫމާތު [ނަމާއި ކޮންޓެކްޓް ނަންމަބަރު] މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކިއުޓިވްއާ ހިއްސާކޮށްފައި އެކަން ބެލުމަށް ދެންނެވިން. އަޅުގަނޑާއި ޑަބްލިއުއެޗްއޯގެ މަންދޫބާ ދެކެވުނު ވާހަކަތަކަކީ ޕްރައިވެޓް މުއާމަލާތެއް ކަމަށް އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން، އަދި އޭގެ ފަހުންވެސް ގަބޫލެއް ނުކުރާނަން،" އަމީން ވިދާޅުވި އެވެ.
އަމީން އަދި ވިދާޅުވީ، އެކަން ކުރީ ސިއްރު ސިއްރުވެސް ނޫން ކަމަށާއި މާލީ ޒިންމާދާރުވެރިޔާ އަދި ބިޑް ކޮމިޓީއާވެސް އެ މައުލޫމާތު ހިއްސާ ކުރި ކަމަށެވެ.
ޑަބްލިއެޗްއޯއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން ޑަބްލިއެޗްއޯއިން ގަބޫލު ކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ އިދާރާއިން މިނިސްޓްރީއާ ހިއްސާކޮށްފައެއް ނުވެ އެވެ. އަދި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއެޗްއޯއިން އެއްވެސް އިރެއްގައި ވިޔަފާރީގެ މުއާމަލާތެއްވެސް ހިންގާފައި ނުވާ ކުންފުންޏެއް ކަން އޮޑިޓްގައި ބުނެ އެވެ.
އަމީން ވިދާޅުވީ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން ވެންޓިލޭޓަރުތައް ގެންނަން ވެސް އޭނާ މުވައްޒަފުންނަށް އިރުޝާދު ދެއްވި ކަމަށެވެ. އަދި މިނިސްޓްރީ ތެރެއިން އެކަމަށް މަސައްކަތްވެސް ކުރެވުނު ކަމަށާއި އެހެން ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އެއީ ފަސޭހަކަމަކަށް ނުވި ކަމަށެވެ. އަދި އެކަންކަން މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކުން ވެސް އެނގެން ހުންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ޑަބަލިއުއެޗްއޯގެ މަންދޫބު ދިން މައުލޫމާތު ވެރިފައި ކުރުމަށް މާލީ ޒިންމާދާރުވެރިޔާވެސް މައްސައްކަތް ކުރެއްވި ކަމަަށް އަމީން ވިދާޅުވި އެވެ. އަދި އެ ފަހުން ޑަބްލިއުއެޗްއޯއާ އެކު ހިންގާފައިވާ މުއާމަލާތްތައް އީމެއިލް މެދުވެރިކޮށްވެސް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އީ-މެއިލްގައި އެބަހުރި ވެންޓިލޭޓަރުތަކުގެ ނަންތަކާއި އަގުތަކާ އޭޓޭޗްކޮށްފައިވާ ސާމާނު. އީ-މެއިލް މިނިސްޓްރީއަށް ފޯވާޑްކޮށްފައި ވަނީ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުގެ މުވައްޒަފެއްގެ ރަސްމީ އެކައުންޓުން،" އަމީން ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯއިން އޮޑިޓް އޮފީހަށް ދެއްވި ބަޔާން ދޮގު ކުރައްވަންތޯ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަ ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެގޮތަށް ވިދާޅުވާން ބޭނުން ނުވާ ކަަށެވެ. އެހެން ނަމަވެސް އެ މުއާމަލާތްތަކަކީ، ރަސްމީ މުއާމަލާތްތަކެއްކަން އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.
ޑަބްލިއުއެޗްއޯއިން ސަޕްލަޔަރެއްގެ މައުލޫމާތު ނުދޭ ކަމަށް ނުހެދޭނެ: މިނިސްޓަރު
ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: މިނިސްޓްރީގެ އިސްވެރިން ވަނީ އޮޑިޓް އޮފީހުގެ އޮޑިޓަށް ފާޑު ވިދާޅުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަމީން ވަނީ އޮޑިޓް ރިޕޯޓުގައި މައުލޫމާތު ގެނެސްދީފައިވާ ގޮތާމެދުވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ އޮފީހާއެކު ކޮށްފައިވާ މުއާމަލާތަކީ އެވެސް މަރުހަލާއެއްގައި ނުހިނގާ މުއާމަލާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
"ވާހަކަތައް ތަރުތީބުވެގެން އައި އިރު، ވުޖޫދުގައިވެސް ނެތް ކުންފުންޏެއް [ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް] އޮޅުވަލައިގެން ޑަބްލިއެޗްއޯއާއި އެއްވެސް ވަރަކަށް މަޝްވަރާވެސް ނުކުރާ ބީދައަކުން ވާހަކަތައް ތަރުތީބުވެގެން އައުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް،" އޮޑިޓް ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އަމީން ވިދާޅުވި އެވެ.
މީގެ އިތުރުން، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ މުވައްޒަފުން މިނިސްޓްރީއަށް ފޮނުވި ހުރިހާ މެއިލްތަކެއްގެ ސަބްޖެކްޓްގައިވެސް މުޅިން ވެސް ހިމަނާފައި ވަނީ "200 ވެންޓިލޭޓަރު ރާއްޖެ ހޯދުމާ ގުޅޭ" މިހެން ކަމަށެވެ. އަދި އެ އީމެއިލްތަކުގެ އެޓޭޖްމަންޓްތަކުގައި ވެސް މުޅިން ވެސް އެކަމަށް ބާރުދޭ ލިޔެކިޔުންތަކާއި މައުލޫމާތު ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ހުރިހާ ތަފްސީލެއް ހެއްކާ އެކު އޮޑިޓް އޮފީހާ ހިއްސާ ކުރި ކަމަށާއި އެހެން ނަމަވެސް ރިޕޯޓު ނެރުނު އިރު އޭރު ރާއްޖެ އޮތް ހާލަތަށްވެސް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.
"މާޗް މަހުގެ ފަހުކޮޅަށް ދިޔައިރު އަޅުގަނޑުމެން ތިބި ހާލަތަށް ރިއާޔަތް ނުކުރެވި ފަސް މަންޒަރަށް އެނބުރި ބެލުމެއް ނެތި މިއަދުގެ ހާލަތުގެ ވާހަކަ ދައްކާ ނަމަ އެ ނާޒުކު ހާލަތް އެބަ އެއްފަރާތްވެގެން ދޭ. ބޮޑު ޕެންޑަމިކްއެއްގެ ތެެރޭ ތިބީ، ދުނިޔޭގެ އެހެން އެވެސް ގައުމަކުންވެސް ދެކެފައި ނުވާ ހާލަތެއް އެއީ،" އަމީން ވިދާޅުވި އެވެ.
ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވީ، މިނިސްޓްރީން ކަންކޮށްފައިވަނީ ވަރަށް އިހުލާސްތެރިކާއެކު އޭރު އޮތް ހާލަތުން އަރައިގަތުމަށް ކަމަށާއި ނާޖާއިޒު ފައިދާ ހޯދާ ވައްކަން ކުރުމުގެ އެއްވެސް ނިޔަތެއް މިނިސްޓްރީގެ ނެތް ކަމަށެވެ.
ކޮމިޓީގައި އަމީންއާއެކު ބައިވެރި ބައެއް އެހެން ބޭފުޅުންވެސް ވަނީ، ޑަބްލިއުއެޗްއޯއާ އެކު ރަސްމީ ހައިސިއްޔަތުން މުއާމަލާތްތައް ކުރިކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
އެގޮތުން، ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލް ކަރީމް ވިދާޅުވީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ މުވައްޒަފަކު އޭނާގެ އޮފީހުގެ ރަސްމީ އީމެއިލްއިން ހެލްތް މިނިސްޓްރީއަށް މައުލޫމާތު ހިއްސާކޮށްފައިވާއިރު، އެ އީމެއިލްގައި ކޮންޓެކްޓް ނަމްބަރާއި ކޮންޓެކްޓް ޕާސަން ވެސް ހިމަނާފައިވާ ކަމަށެވެ. އަދި ދުބާއީގެ ކުންފުނި ބިޑް ކޮމިޓީއިން ހޮވާފައި ވަނީ އެ އީމެއިލްގައިވާ އެ ކޮންޓެކްޓަށް ގުޅައިގެން ކަމަށް ވެސް އަބޫބަކުރު ވިދާޅުވި އެވެ.
"އެހެންވީއިރު އެއީ ރަސްމީ ނޫން މައުލޫމާތެކޭ އެބޭފުޅުންނަށް [އޮޑިޓް]ގެ ބޭފުޅުންނަށް ނުދެންނެވޭނެ. އެ ރަސްމީ ނުވާނެ ގޮތެއް ނޯންނާނެ،" އަބޫބަކުރު ވިދާޅުވި އެވެ.
ހެލްތުގެ ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ވެސް ކޮމިޓީގައި ވިދާޅުވީ ޑަބްލިއުއެޗްއޯއިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ދިން މައުލޫމާތު އިތުރަށް ކަށަވަރު ކުރަން ޑަބްލިއުއެޗްއޯގެ އިސް ބޭފުޅަކާ ބިޑް ކޮމިޓީގެ ބައްދަލުވުމެއްގައި އެންމެންގެ ހާޒިރުގައި ގުޅި ކަމަށެވެ. އަދި އެ ފޯން ކޯލްގައިވެސް އެ އޮފީހުން ވާހަކަ ދެއްކި މުވައްޒަފު އެއީ ރަސްމީ މައުލޫމާތެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް، އެ އޮފީހުން ފޯރުކޮސްދިން ކޮންޓެކްޓަކީ ޑަބްލިއުއެޗްއޯއިން މެދުއިރުމަތީގެ ގައުމުތަކަށް އެމަޖެންސީ ހާލަތްތަކުގައި ތަކެތި ހޯދުމަށް މުއާމަލާތް ކުރަމުންދާ ފަރާތެއްކަން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ޑަބްލިއުއެޗްއޯއިން އެވަރުގެ ދޮގު މައުލޫމާތެއް ދެއްވަފާނެ ކަމަކަށް. އެބޭފުޅުން ލަފަޔަށް ހެލްތުން އަބަދުވެސް ކަންކަން ކުރައްވާ. އެހެން ވީމާ، އެބޭފުޅުން އެފަދަ އިތުބާރު ނުކުރެވޭ ބައެއްގެ މައުލޫމާތެއް ނުދެއްވާނެ ކަމަށް އަޅުގަނޑު މިއަދުވެސް ގަބޫލު ކުރަނީ،" ނިޝާމާ ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، ގެރެންޓީއަކާ ނުލާ މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.