25 Aug 2020, 19:04
ކޮވިޑް19އާ ގުޅިގެން ހެލްތް މިނިސްޓްރީއިން ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް މި ފަހުން ނެރުއްވި ރިޕޯޓަކީ އިންސާފުން ބޭރުވެ، ސައްހަ ނޫން މައުލޫމާތު ހިމެނޭ އެއްޗެއްގެ ގޮތުގައި ހެލްތުގެ ވެރިން މިއަދު އެ ރިޕޯޓް ސިފަކުރައްވައިފި އެވެ.
އެ ރިޕޯޓުން ފެންމަތިވެގެން ދިޔަ ހެލްތުގެ މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރާ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވީ، އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ގޮތަށް ފިނޭންސް މިނިސްޓްރީއިން ހޯދަން ޖެހޭ ހުއްދަތައް މިނިސްޓްރީއިން ހޯދާފައި ނުވާ ކަމަށް ބުނެ އޮޑިޓް ރިޕޯޓްގައި ހިމަނާފައިވާ ވާހަކަތަކަކީ މުޅިން ތެދު މައުލޫމާތެއް ނޫން ކަމަށެވެ. އަދި ވަކި ފަރާތަކާ މަސައްކަތް ހަވާލުކުރުން، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން މަސައްކަތް ހަވާލުކުރުމާއި އެޑްވާންސް ފައިސާ ޖަމާކުރުމުގެ ކަންކަން މިނިސްޓްރީއިން ގެންދިޔައީ ފިނޭންސްގެ ލަފާތައް ލިޔުމުން ހޯދައިގެން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެގޮތުން ދެވަނަ ފަހަރަށް އެޑްވާންސަށް ދިން ފައިސާ ދުބާއީ ކުންފުންޏަށް ޖަމާކުރަން ވެސް ފިނޭންސުގެ ހުއްދަ ވަކިން ލިޔެގެން ހޯދާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އެ ލިޔެކިޔުންތަކުގެ ނަމްބަރުތަކާއި އޭގައިވާ ބައެއް މައުލޫމާތުތައް ވެސް ކޮމިޓީއަށް މިއަދު ވިދާޅުވެ ދެއްވައިފަ އެވެ. އަދި އެ މައުލޫމާތުތައް އޮޑިޓާ ޖެނެރަލްގެ އޮފީހާ ވެސް ހިއްސާކުރެއްވި ނަމަވެސް، ރިޕޯޓް ނެރުނު އިރު އެ މައުލޫމާތުތަކަށް ބަލާފައި ނުވާކަމަށް ވިދާޅުވެ، މިނިސްޓަރު އަމީން ވަނީ ރިޕޯޓާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"އޮޑިޓް ރިޕޯޓްގެ ޕޮއިންޓް 1.14 ގައި ހުރި ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން، ފިނޭންސުން ހުއްދަ ހޯދިން ސިންގަލް ސޯސް ކުރަން އެޑްވާންސް ފައިސާ ދައްކަން، އޮޑިޓަށް ހިއްސާކުރި މައުލޫމާތު އެއީ. އޮޑިޓް ރިޕޯޓްގައި ހުރި ވާހަކައަކީ މުޅިން ރަނގަޅު ވާހަކައެއް ކަމަށް އަޅުގަނޑު އަތުގައި މިހާރު މިހިރަ މައުލޫމާތަށް ބަލާއިރު ގަބޫލު ކުރަން އުނދަގޫ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓުގައި ހުރި ތުހުމަތުތަކާ ގުޅޭ ގޮތުން ދެން ކަންބޮޑުވުން ފާޅުކުރެއްވީ، ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލް ކަރީމް އެވެ. އޭނާ ވެސް ވިދާޅުވީ، އޮޑިޓަރުންނާ ހެލްތުން ހިއްސާކުރި ވަރަށް ގިނަ މައުލޫމާތައް ރިޕޯޓް ތައްޔާރު ކުރުމުގައި އޮޑިޓަރުން ވަނީ ރިއާޔަތް ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި އެހެން ބަޔަކު ދިން މައުލޫމާތަކީ ތެދު މައުލޫމާތުގެ ގޮތުގައި ބަލައިގެން އެ މައުލޫމާތުތަކަށް އެކަނި ބަރޯސާވެ، ރިޕޯޓެއް ތައްޔާރުކޮށް ނެރުނީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓަކީ އިންސާފާ ވަރަށް ބީރަށްޓެހި ރިޕޯޓެއްގެ ގޮތުގައި އަޅުގަނޑަށް މުޅި އެތި ސިފަވަނީ އެއަށް ބަލައިލާއިރު. ހެލްތުން ދިން މައުލޫމާތުވެސް ހިމަނުއްވާފައެއް ނުވޭ. އޭގެ ބަދަލުގައި އެހެން ފަރާތްތަކުން ދިން މައުލޫމާތުތަކަށް ބުރަވެފައިވާ ކަމަށް ބެލެވެނީ. އެކަން އަޅުގަނޑުމެންނަށް ރިޕޯޓުން ސާބިތުކޮށްދެވެން އޮތީތީ މި ދެންނެވީ [އިންސާފާ] ބީރަށްޓެހި ރިޕޯޓެކޭ،" އަބޫބަކުރު އަބްދުލް ކަރީމް ވިދާޅުވި އެވެ.
އޮޑިޓުން ފެންމަތިވި ކަންކަމާ ގުޅިގެން އަމިއްލަފުޅަށް މަސައްކަތުން އެއް ފަރާތްވެގެން ހުންނެވި މިނިސްޓަރު އަމީން ވަނީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް އާއި މިނިސްޓަރާ ދެމެދު ހިނގި މުއާމަލާތްތައް އޮޑިޓަރުން މާނަކުރައްވާފައިވާ ގޮތާ މެދުވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ވެންޓިލޭޓަރު ގަންނަން ދުބާއީ ކުންފުންޏަކަށް ދޭން ނިންމި ކަމަށް މިނިސްޓްރީއިން އަބަދުވެސް ބުނަމުން އަންނަނީ، އެއީ ކަންޓްރީ ރެޕްރެޒެންޓޭޓިވްއާ ރަސްމީ ހައިސިއްޔަތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އެ ފަރާތުން ދިން ކޮންޓެކްޓު ނަމްބަރަކަށް ގުޅައިގެން ހޯދި ކުންފުންޏަކަށް ވާތީ ކަމަށެވެ. އަދި، އެކަމުގެ ފުރިހަމަ ހެކި އޮޑިޓް އޮފީހަށް ފޯރުކޮށްދިން ނަމަވެސް، އެ ހެކިތަކަކީ ރަސްމީ މަޝްވަރާތަކެއް ނޫން ކަމަށް އޮޑިޓްގައި ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީން ފާހަގަ ކުރެއްވި އެވެ. އެހެންވުމުގެ ސަބަބުން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ސިފަކުރެވި ދޮގާއި މަކަރު ހަދައި ވުޖޫދުގައި ނެތް ކުންފުންޏަކަށް ފައިސާ ދިންކަމަަށް ސިފަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ތުހުމަތުތަކާ އިންކާރު ކުރައްވާ މިނިސްޓަރު ވިދާޅުވީ، "ރަސްމީ ހައިސިއްޔަތަކަށް އެ މުއާމަލާތްތައް ނުވާ ސަބަބު" އޮޑިޓުގައި ބުނެ ނުދެވޭ ކަމަށެވެ.
އެހެން ނަމަވެސް، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވްއާ ވެންޓިލޭޓަރުގެ ކަންކަމުގައި ހިނގި ހުރިހާ މުއާމަލާތްތަކަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ރަސްމީ މުއާމަލާތްތައް ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަދި އެއީ އިންކާރު ނުކުރެވޭނޭ ހަގީގަތެއް ކަމަށް ވެސް ޗެލެންޖުކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
"އޮޑިޓް ރިޕޯޓްގެ ކޮންކުލޫޝަންގައި [ނިންމުމުގައި] އެބަހުރި މިދެންނެވި މައުލޫމާތު. އެހެން ނަމަވެސް އޮޑިޓް ރިޕޯޓްގައި އެ މައުލޫމާތު ހިއްސާކުރުމުން ފާހަގަ ކޮށްފައި ވަނީ މި ދެންނެވި މައުލޫމާތަކީ ރަސްމީ މުއާމަލާތެއް ނޫން ކަމަށް. ދެއްކި ވާހަކަތަކަކީ ރަސްމީ ހައިސިއްޔަތަކަށް ނުވާނެ ގާނޫނީ ހުއްޖަތެއް ސަބަބެއް ނެތް އޮޑިޓްގައި ދައްކަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން ހެލްތު މިނިސްޓްރީގެ ކޮމެންޓަކަށް އެދުނުތޯ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރެއްވުމުން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ގާސިމް ވިދާޅުވީ، އޮޑިޓް ރިޕޯޓަށް ކޮމެންޓަށް އެދުމުން ހެލުތުން ދޭން ޖެހޭ ފުރިހަމަ މައުލޫމާތު ދިން ކަމަށާއި ނަމަވެސް ފަހުން ދިން އެއްވެސް މައުލޫމާތެއް އޮޑިޓްގައި ހިމަނާފައި ނުވާ ކަމަށެވެ.
"ވެދާނެ އެބޭފުޅުން ބޭނުންފުޅު ނުވީ ކަމަށް ނޫނީ ވަގުތު ނުލިބުނީ ކަމަށް ވެސް ވެދާނެ. އެއީ، އަޅުގަނޑުމެން މައުލޫމާތު ދިން ދުވަސް ނޫން އަނެއް ދުވަހު ރިޕޯޓް ނެރުނީ. އެހެންވެ، އެގޮތަށް މި ބުރަވަނީ. ހެލްތުން ފަހުން ދިން މައުލޫމާތެއް ނެތް އޭގައި،" ގާސިމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އޭރު ރާއްޖެ އޮތް ހާލަތާއި ދުނިޔޭގެ ހާލަތާއި ވެންޓިލޭޓަރު ލިބުން ދަތިވެފައިވާ މިންވަރު އޮޑިޓަރުންނަށް ހެލްތުން ޖަސްޓިފައިކޮށް ދިން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯއަށް 25 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެންވެސް އަދިވެސް އެ ވެންޓިލޭޓަރުތައް ނުގެނެވޭ ކަމާއި ދެން ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން މެޑްޓެކް ފިޔަވާ ދެން ހުރި ކުންފުނިތަކަށް ވެސް އެކަށީގެންވާ ގޮތުގައި ވެންޓިލޭޓަރު ފޯރުކޮށް ނުދެވޭކަން ބަޔާންކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް އޮޑިޓުގައި ރިއާޔަތް ކޮށްފައި ނުވާކަމަށް ގާސިމް ވިދާޅުވި އެވެ.
"ހެލްތުގެ މުވައްޒަފުން އޮޮޕަރޭޝަން ސެންޓަރުގައި ކިތަންމެ ބުރަކޮށް އުޅެމުން ވެސް އޮޑިޓަށް ހުންނާނީ މައުލޫމާތު ދީފައި. އޭސީސީއަށް ވެސް ދީފައި. އެކަމަކު އެ މައުލޫމާތުތައް ހިމަނާފައެއް ނުވޭ. އަދި އަޅުގަނޑުމެންނަށް އެކަށީގެންވާ މައުލޫމާތު ނުދެވިގެނެއް ވެސް ނޫން ރިޕޯޓްގައި އެކަންކަން ނެތުނީކީވެސް،" ގާސިމް ވިދާޅުވި އެވެ.