ކޮވިޑް19 ޕެންޑެމިކްގައި ވަޒީފާތަކަށް ފޯރި ނޭދެވޭ އަސަރުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ކުޑަ މުސާރަ ލިބޭ މީހުންނަށާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް19ގެ ސަބަބުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ކުރި އަސަރު ދެނެގަތުމަށް އިކޮނޮމިކް މިނިސްޓްރީއާއި ޔޫއެންޑީޕީ ކުރިއަށްގެންދިޔަ ރެޕިޑް ލައިވްލިހުޑް އެސެސްމަންޓުން ދައްކާ ގޮތުގައި މި ކާރިސާއާއެކު ފުޅާ ދާއިރާއެއްގައި ވަޒީފާތަކަށް ވަނީ އަސަރުކޮށްފަ އެވެ.

އެގޮތުން ކާރިސާގެ އިގްތިސާދީ ލޮޅުން އެންމެ ފުރަތަަމަވެސް ފޯރީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

އެ ދިރާސާއަށް ހުރިހާ ދާއިރާއަކުން ލިބުނު މައުލޫމާތަށް ބަލާއިރު ވަޒީފާއަށް އަސަރުކުރި ކަމަށް ރިޕޯޓުކުރި މީހުންގެ ތެރެއިން 44 ޕަސެންޓު މީހުންނަކީ އާމްދަނީ އެއްކޮށް ހުއްޓުނު މީހުންނެވެ. ސައުވީސް ޕަސެންޓު މީހުންގެ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލި ކަމަށް ބުނެފައިވާއިރު، 32 ޕަސެންޓު މީހުންނަކީ މުސާރަ ކުޑަކޮށްގެން ރިޕޯޓުކުރި މީހުންނެވެ.

މިގޮތަށް ރިޕޯޓުކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހިދުމަތް ދިނުމުގެ ދާއިރާގައި ކުޑަ މުސާރަ ލިބޭ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކެވެ.

ވަކި ކެޓަގަރީތަކަށް ބަލާއިރު ނުރަނގަޅު އަސަރުކުރީ ޒުވާނުންނާއި ޕްރޮބޭޝަން ކޮންޓްރެކްޓުގައި ތިބި މުވައްޒަފުންނާއި ނުރަސްމީ މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ފްރީލާންސަރުންނާއި ކޮމިއުނިޓީ ވެންޑަރުން އަދި އަމިއްލަ މަސައްކަތްކުރާ މީހުންނެވެ.

ވިޔަފާރިތަކަށް ބަލާއިރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. މި ވިޔަފާރިތަކުގެ ސަޕްލައި، ސޭލްސް އަދި އާމްދަނީ ހުއްޓުމާއި ކޭޝްފްލޯއަށާއި ވިޔަފާރި ހިންގުމުގެ ހަރަދުތަކަށް ކުރި އަސަރާއި ވަޒީފާތަކަށް ގެނައި ބަދަލު ފާހަގަވި ކަމަށް ދިރާސާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ދިރާސާ ރިޕޯޓު ތައްޔާރުކުރަން އެ ވިޔަފާރިތަކާ ކުރި އިންޓަވިއުއިން ހަ މަސް ދުވަހުގެ މުއްދަތަކަށް ވެސް ކޭޝްފްލޯ ހިފެހެއްޓޭނެ ކަމަށް ބުނީ ވަރަށް މަދު ވިޔަފާރިއަކުންނެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ޔޫއެންޑީޕީގެ ރެޕިޑް ލައިވްލިހުޑް އެސެސްމަންޓަކީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެމްއެންޔޫ އަދި ބައެއް މިނިސްޓްރީތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ އެސެސްމަންޓެކެވެ.