12 Jan 2012, 10:03
ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަޞްދީގު ނުކުރައްވައި އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް އިއްޔެ އަނބުރާ ފޮނުއްވާލުމާ ގުޅިގެން ތެލެސީމިއާ ކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ތެލެސީމިއާ ކުއްޖެއްގެ ބެލެނިވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިއްޔެ ބުނީ މިހާރު ވެސް އެ ކުދިންގެ ބޭސްފަރުވާއަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށާއި އަތޮޅުތަކުގެ ތެރޭގައި ވެސް ތެލެސީމިއާ ކުދިންނަށް ދެމުން އަންނަ ހިދުމަތްތައް ދަށްވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އެ ކުދިންނަށް ބޭނުންވާ ބޭސްފަރުވާ ހޯދުމަށް ކޮންމެ ފަހަރަކު ވެސް މާލެ އަންނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ލޭއަޅާ ކޮންމެ ފަހަރަކު ފިލްޓަރެއް ހޯދަން ޖެހޭ. އޭގެ އަގު 300 އަށް ވުރެ ބޮޑު. މަހަކު އެތައް ފަހަރަކު ލޭއަޅަން ޖެހޭ ކުދިން ވެސް އެބައުޅޭ. ރާއްޖެ ތެރޭގައި ވެސް ހަމަ މިގޮތަށް އޮތީ. ޑެސްޕަރޯލްއެއް ނުލިބޭ. ހޯދަން ޖެހެންޏާ މާލެ އަންނަން ޖެހެނީ،" ބެލެނިވެރިއަކު ވަރަށް އަސަރާ އެކު ބުންޏެވެ.
އެހެން ބެލެނިވެރިޔަކު ބުނީ ރައީސް ވިދާޅުވި ގޮތަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ތެރެއިން ބޭސްފަރުވާއަށް އެ ކުދިންނަށް ދޭ 10،000ރ.ގެ އިންޝުއަރެންސުން އެ ކުދިންނަށް ބޭސްފަރުވާއެއް ނުކުރެވޭނެ ކަމަށާއި މުހިއްމީ ފަރުވާ ނޫން ކަމަށާއި ފަރުވާ އިން ރައްކާތެރިވުން ކަމަށް ބިލް އެކުލަވާލުމުގައި ވެސް އުޅުނު އެ ބެލެނިވެރިޔާ ބުންޏެވެ.
"އެ ނިޒާމްގެ ތެރެއިން ހިދުމަތް ލިބުނަސް އެ ކުދިންނަށް ދޭން ޖެހޭ ވެކްސިނަށް އެކަނިވެސް އަހަރަކު މަދުވެގެން 7000ރ. އަށް ވުރެ ބޮޑު ހަރަދެއް ދޭ. އަދި އެ ކުދިންނަށް ހޯދަން ޖެހޭ ބޭހާއި އެހެނިހެން ހަރަދުތަކަށް ބޭނުން ކުރާނެ ފައިސާއެއް އެއަހަރަކު ނޯންނާނެ." އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކު ބިލް ފާސްކޮށް ތަސްދީގު ކުރުމަށް ރައީސް އަރިއަހަށް ފޮނުވުމުން، ސަރުކާރުގެ ސިޔާސަތާ ހިލާފުވާ ކަމަށް ވިދާޅުވެ، ބިލް ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުއްވާލުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.
ރާއްޖޭގައި މިހާރު ޖުމްލަ 530 އަށް ވުރެ ގިނަ ކުދިން ތެލެސީމިއާ ކުދިންގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވެ އެވެ. އޭގެތެރެ އިން 240 އަށް ވުރެ ގިނަ ކުދިންނަކީ އަތޮޅުތަކުގައި އުޅޭ ކުދިންނެވެ.