ކޮވިޑް19ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރު ގަތުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުވާ މައްސަލަ ބަލަމުން އަންނަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުންތަކުން މެންބަރު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެ މައްސަލަ ބެލުމުން ތަނާޒުލު ވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ފެށުމާ އެކު މެންބަރު ޔައުގޫބު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ހެލްތުން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް އޮޑިޓް އޮފީހާ އެކު މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޭނާ ބައިވެރިވީ އިރު، އެ މައްސަލައިގައި ތުހުމަތުވާ މީހުންގެ މައުލޫމާތު އޭނާއަށް ވަރަށް ސާފުކޮށް އެނގިގެން ދިޔަ ކަމަށެވެ. އަދި އޭގެ ތެރޭގައި އޭނާއާ އާއިލީ ގޮތުން ގާތް ފަރާތެއް ހިމެނޭ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބެލުމުގައި އޭނާ ބައިވެރިވުން ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

އެއީ މަސްލަހަތު ފުށުއެރުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ ވެސް އަދި އާދޭހަކީވެސް ވަކި ފަރާތަކަށް ބެލުމެއް ނެތި މައްސަލަ ކުރިއަށް ގެންދިޔުން. މީގެ ފަހުން މި މައްސަލައާ ބެހޭ ގޮތުން މި ކޮމިޓީއިން ކުރިއަށް ގެންދާ އެއްވެސް ޖަލްސާއެއްގައި އަޅުގަނޑު ބައިވެރިނުވާނަން،" ޔައުގޫބު އެހެން ވިދާޅުވެ، ކޮމިޓީ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވި އެވެ.

ނަމަވެސް އޭނާ ވަނީ ކޮމިޓީ އަޑުއަހަން ދުރުގައި އެހެން މެންބަރުންނާ އެކު ކޮމިޓީ ކޮޓަރީގައި މަޑުކުރައްވައިފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން މިހާރު ސަސްޕެންޑްކޮށްފައިވާ ހެލްތުގެ ބިޑް ކޮމިޓީގެ ޗެއާ އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދަކީ މެންބަރު ޔައުގޫބުގެ ދެބެންގެ ދެދަރި ބޭފުޅެއްކަން މިފަހުން ހާމަވެފައިވެ އެވެ. އެކަމާ ގުޅިގެން، ބައެއް ފަރާތްތަކުގެ ފާޑުކިޔުން ޔައުގޫބަށް އަމާޒުވެފައިވެ އެވެ.

އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް ގެންނަން ހީލަތާއި މަކަރުގެ ތެރެއިން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ، ހެލްތުގެ ފައިނޭންޝަލް ޑިރެކްޓަރާއި ބިޑް ކޮމިޓީ ކަމަށެވެ.

ޔައުގޫބު ކޮމިޓީގައި އިތުރަށް ވިދާޅުވީ، މާލިއްޔަތު ކޮމިޓީއިން ބަލާ އެއްވެސް މައްސަލައެއްގައި އެއްވެސް ފަރާތަކާ ގުޅޭ ގޮތުން އިންސާފުން ބޭރުން ނިންމުމެއް ނުނިންމާނެ ކަމުގެ ޔަގީންކަން އޭނާއަށް އަބަދުވެސް އޮންނަ ކަމަށެވެ. އަދި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ނަމަ ވަކި ފަރާތެއް ބެލުމެއް ނެތި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ކޮވިޑްގެ ހަރަދުތައް ކުރުމުގައި އެތައް ނާޖާއިޒު ކަންތައްތަކެއް އެ މިނިސްޓްރީއިން ވަނީ ހިންގައިފަ އެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ގެރެންޓީއަކާ ނުލާ މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ދިނުމެވެ. އަދިވެސް އެ ވެންޓިލޭޓަރުތައް ނުލިބެ އެވެ.

މީގެ އިތުރުން ވެސް، ގަތް ބައެއް ވެންޓިލޭޓަރުތަކުގެ ކޮލިޓީ ދަށްވުމާއި ކުޑައަގެއް ލިބިފައި ވަނިކޮށްވެސް ބޮޑު އަގުގައި ވެންޓިލޭޓަރު ގަންނަން ހަވާލުކުރުމާއި އަދި ބައެއް ހެލްތު ކޮންސިއުމެބުލްސް ގަތުމުގައި ތަކެތި ލިބުމުގެ ކުރިން ފައިސާ ދޫކުރި ނަމަވެސް، މިހާތަނަށް ވެސް ބައެއް ތަކެތި ހަމަޔަށް ލިބިފައި ނުވުމާއި އޯޑަރުކޮށް ފައިސާ ދެއްކި ތަކެތި ނޫން ތަކެތި ލިބިފައިވާ މައްސަލަވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަފުޅަށް ޒިންމާތަކުން އެކަހެރިވެ ވަޑައިގެންފަ އެވެ. އަދި މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފަ އެވެ.