ރައިގާޑު (އޮގަސްޓު 25): އިންޑިއާގެ މަހާރަޝްތުރާގެ ރައިގާޑު ޑިސްޓުރިކްޓުގައި ހުރި ފަސް ބުރީގެ އިމާރާތެއް އިއްޔެ ވެއްޓި، އޭގެ ދަށުގައި ތާށިވި 60 އަށް ވުރެ ގިނަ މީހުން ދިރިތިއްބާ ސަލާމަތްކޮށްފި އެވެ.

އެންޑީޓީވީން ރިޕޯޓު ކުރި ގޮތުގައި ވެއްޓުނު އިމާރާތުގައި 45 ފްލެޓު ހުއްޓެވެ. އަދި އިއްޔެ ވެއްޓުނު އެ އިމާރާތުގައި 200 ވަރަކަށް މީހުން ދިރިއުޅޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރި އެވެ.

އެންޑީޓީވީގައިވާ ގޮތުން އެ ހާދިސާގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި އިމާރާތުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، 14 މީހަކު އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދަނީ 60 ކިލޯމީޓަރު ދުރުގައި އޮންނަ މުމްބާއީއަށް ކަމަށް އެ ނޫހުން ފާހަގަ ކުރި އެވެ.

އެ އިމާރާތް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވެ އެވެ. ނަމަވެސް މަހާރަޝްތުރާގެ ކުރީގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ މަނިކު މޮތިރަމް ޖަގުތަޕު ވިދާޅުވި ގޮތުގައި 10 އަހަރުވެފައިވާ އެ އިމާރާތުގެ ބިންގާ ރަނގަޅެއް ނޫނެވެ.

އިންޑިއާގައި އިމާރާތް ކުރުމުގެ މައްސަލަތަކާއި އިމާރާތް ކުރަން ފެންވަރު ރަނގަޅު ތަކެތި ބޭނުން ނުކުރުމުންނާއި ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަަބަބުން އިމާރާތްތައް ވެއްޓުމަކީ އާންމު ކަމެކެވެ. އެގޮތުން އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސްގައިވާ ގޮތުން 2017 ވަނަ އަހަރުގެ އެގައުމުގެ 1،161 އިމާރާތް ވެއްޓުމުގެ ސަބަބުން 1،200އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރެއިން ގިނަ ހާދިސާތައް ހިނގަނީ ވިއްސާރަ މޫސުމުގަ އެވެ.