12 Jan 2012, 09:33
ޅ. ނައިފަރަށް ރޭ ބޯކޮށް ވާރޭވެހި އެ ރަށުގައި ފެންބޮޑުވެ، ގޭގޭގައި ހިފައި ގެންގުޅޭ ބައެއް ސާމާނުތަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
ނައިފަރު ކައުންސިލްގެ މެންބަރު އަރަފާތު މުހައްމަދު މިއަދު ވިދަޅުވީ ރޭ ދަންވަރު ވެހެން ފެށި ވާރޭ ހުއްޓާލީ ފަތިހު ކަމަށެވެ. އަދި ވާރޭ ވެހުން ހުއްޓާލި އިރު ރަށުގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ވުރެ ބޮޑުކޮށް ފެންގަނޑު ބޮޑުވެ، ގޭގެއަށް ފެންވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް ހޭލެވުނީ ގެއަށް ފެންވަދެގެން. ގާތްގަނޑަކަށް ފަތިހުންސުރެ ފެންހިއްކުމުގެ މަސައްކަތުގައި މި އުޅެނީ. މި ރަށުގެ ވަރަށް ގިނަ ގޭތަކަކަށް ފެންވަދެފައި ވަނީ. މިހާރު މިދަނީ ގެއްލުންތަކެއްގެ ތަފްސީލުތައް ވެސް ބަލަމުން،" އަރަފާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިތްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާ ގުޅިގެން މިއަދު ހެނދުނު 7:00 ޖެހި އިރު މަސައްކަތް ފަށައިގެން ކުރިއަށް ދާކަމަށެވެ.
"ދެ ޕަންޕު ބޭނުންކޮށްގެން މި ރަށުގެ އެކި ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ،"
އަރަފާތު ވިދާޅުވީ މިހާރު ވާރޭ ހުއްޓާލައިފައިވާ ކަމަށާއި މޫސުން ވެސް މިހާރު ރަނގަޅު ކަމަށެވެ.