ޗާންދަނީ މަގުގައި ހުންނަ ޔޫރޯ ސްޓޯރުގެ މައި އޮފީހުގެ ދެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ކޯޓު އަމުރެއް ދަށުން މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީތައް ފަޅާލީ ދޮރެއް ހަލާކުކޮށްލައިގެން އޮފީހަށް ވަދެއެވެ. ފުލުހުން ބުނި ގޮތުގައި އެ ވައްކަމުގައި ދެ ތިޖޫރީއަކުން 4.8 ލައްކަ ރުފިޔާ ވަގަށް ނަގާފައިވެއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި 10 ދުވަހު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޫރޯ ސްޓޯރުގެ އޮފީސް ފަޅާލީ ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ ކާފިއު ގަޑީގައެވެ. އެ ކުންފުނީގެ އޮފިޝަލަކު މީގެ ކުރިން ބުނި ގޮތުގައި ކެމެރާތަކުގައިވެސް ހުރީ ޓޭޕު އަޅާފައެވެ.