25 Aug 2020, 14:05
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންމެ ވޯޓެއް ވެސް އެމަނިކުފާނު ވަނީ އޮޅުވާލައްވާފައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވުމާ އެކު މައުމޫނުގެ ދަރިކަލުން ގައްސާނު މައުމޫނު ރައީސް ނަޝީދަށް ރައްދު ދެއްވައިފި އެވެ.
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައަޅައި އެކަން ގާނޫނު އަސާސީގައި ހިމެނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހެޅުއްވުމާ ގުޅިގެން ރޭ ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށެވެ.
މައުމޫނުގެ ޓްވީޓާ ގުޅުވައިގެން ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ނެގި ހުރިހާ ވޯޓެއް ވަނީ އޮޅުވާލައްވާފައި ކަމަށާއި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓުވެސް ރައީސް މައުމޫނު ވަނީ އޮޅުވާލައްވާފައި ކަމަށެވެ.
ރައީސް މައުމޫނަށް އޮޅުވައި ނުލެއްވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު އެކަނި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝދުގެ ވާހަކަތަކާ ގުޅިގެން މައުމޫނުގެ ދަރިކަލުން ގައްސާނު މިއަދު ވަނީ ނަޝީދަށް ފާޑުވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ. ގައްސާނު ވިދާޅުވީ ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު، އަނެއްކޮޅުން އޮޅުވާލީކަމަށް އަދި އިސްތިއުފާ ދީފައި ބަޣާވާތެއް ކަމަށް ވިދާޅުވާ ކަމަށެވެ.
ނަޝީދަށް ނިސްބަތްވާ ގޮތަށް ގައްސާނު ވިދާޅުވީ ވެރިކަމާއި މަޖިލީހުގެ ހުރިހާ ބާރެއް އޮވެމެ ވެސް ދައުލަތް ނުހިންގުމުން ކުރީ ސަރުކާރު ނުވަތަ ކޯލިިޝަންގެ ބޮލުގައި އެކަން އަޅުވާ ކަމަށެވެ.
"ދޮގުހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލެއް ނުކުރާނެ،" ނަޝީދަށް ނިސްބަތްވާ ގޮތަށް ގައްސާނު ވިދާޅުވި އެވެ.
ބައްޕާފުޅުގެ ދިފާއުގައި ގައްސާނު ޓްވީޓު ކުރެއްވި އިރު އެދެބަފައިންގެ ސިޔާސީ ފިކުރު ވަނީ ދެކަފި ވެފަ އެވެ. ރައީސް މައުމޫނުގެ އެމްއާރުއެމް އަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ގައްސާނަކީ އިދިކޮޅު ޕީޕީއެމް ތަމްސީލުކުރައްވާ މަޖިލިސް މެންބަރެކެވެ.