ދިއްލީ (އޮގަސްޓު 25): އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ސޯނިއާ ގާންދީ މަސައްކަތް ކުރެއްވުމުން، އެމަގާމުގައި އެކަމަނާ ހުންނެވުމަށް ޕާޓީގެ ވޯކިން ކޮމިޓީ (ސީޑަބްލިޔުސީ) އިން އެދިއްޖެ އެވެ.

ކޮންގްރެސްގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވާނެކަން އިއްޔެ ގާންދީ އިއުލާން ކުރެއްވީ އެޕާޓީއަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ބުނެ 23 އިސް މެމްބަރަކު އޭނާއަށް ލިޔުއްވި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި މިނިވަންކަން ޔަގީން ކުރުމަށް އިލެކްޝަން އޮތޯރިޓީއެއް ގާއިމު ކުރުމަށާއި ކޮންގްރެސް ވޯކިން ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރަން ގޮވާލާފަ އެވެ. އަދި ޕާޓީގެ ބާރުތައް ލާމަރުކަޒީކޮށް، ސްޓޭޓުތަކުގައި ހަރަކާތްތެރިވާ ޔުނިޓުތައް ބާރުވެރިކުރަން ވެސް ގޮވާލާފަ އެވެ.

އެ ސިޓީގައި ސޮއި ކުރެއްވި މީހުންގެ ތެރޭގައި ކޮންގްރެސްގެ ކުރީގެ ފަސް ޗީފް މިނިސްޓަރަކާއި ކޮންގްރެސް ވޯކިން ކޮމިޓީގެ މެމްބަރުންނާއި ޕާލިމެންޓު މެމްބަރުންނާއި ކުރީގެ ޔޫނިއަން މިނިސްޓަރުން ހިމެނެ އެވެ.

އެ ސިޓީ ފޮނުވި ފަހުން ބޭއްވި ސީޑަބްލިޔުސީގެ އޮންލައިން ބައްދަލުވުމުގައި ގާންދީ ވަނީ އޭނާ ކޮންގްރެސްގެ ލީޑަރު ކަމުން ދުރުކޮށް، އާ ލިޑަރަކު އައްޔަން ކުރުމަށް ހުށަހަޅައިފަ އެވެ.

ނަމަވެސް ހަތް ގަޑި އިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމަށް ފަހު ސީޑަބްލިޔުސީން ވަނީ އެ ޕާޓީގެ ސްޓޭޓް ކޮމިޓީތަކުގެ މެމްބަރުން ހިމެނޭ އޯލް އިންޑިއާ ކޮންގްރެސް ކޮމިޓީ (އޭއައިސީސީ)ގެ ބައްދަލުވުމެއް ބޭއްވެންދެން ގާންދީ ރައީސްގެ ގޮތުގައި ހުންނެވުމަށް އެދިފަ އެވެ.

"އޭއައިސީސީގެ ބައްދަލުވުމެއް ބޭއްވޭނެ ހާލަތެއް އަންނަންދެން ސޯނިއާ ގާންދީ ރައީސް ކަމުގައި ހުންނެވުމަށް ސީޑަބްލިޔުސީގެ ހުރިހާ މެމްބަރުން އެދެން،" އެ ޕާޓީން އިއްޔެ ޓުވީޓު ކުރި އެވެ.

މީގެ އިތުރުން ގާންދީގެ ދަރިކަލުން ރާހުލް ލީޑަރު ކަމަށް ގެންނަންވެސް އެ ބައްދަލުވުމުގައި ކޮންގްރެސްގެ މެމްބަރުން ޝައުގުވެރިކަން ފާޅު ކުރި އެވެ. ނަމަވެސް 2017 އިން ފެށިގެން މިދިޔަ އަހަރާ ޖެހެންދެން ކޮންގްރެސްގެ ރައީސްކަން ކުރެއްވި ރާހުލް ވަނީ އެ މަގާމު ބޭނުން ނުވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ރާހުލް ޕާޓީގެ ރައީސް ކަމުން ދުރަށްޖެހި ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އިންޑިއާގައި ބޭއްވި އާއްމު އިންތިހާބުން ކޮންގްރެސްއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް މެމްބަރުން ހޮވުމަށް ބޭއްވި އެ އިންތިހާބުން ވެރިކަން ކުރާ ބީޖޭޕީއަށް 303 ގޮނޑި ލިބުނު އިރު ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 52 ގޮނޑި އެވެ. އަދި ގާންދީ އާއިލާއިން 39 އަހަރުވަންދެން ދިފާއު ކޮށްފައިވާ އުއްތަރު ޕްރަދޭޝްގެ އަމެތީ ދާއިރާގެ ގޮނޑިވެސް އެ ޕާޓީއަށް ގެއްލުނެވެ.

މިދިޔަ އަހަރު ސޯނިއާ ގާންދީ ވަގުތީ ގޮތުން ކޮންގްރެސްގެ ރައީސް ކަމަށް އިސްވުމުގެ ކުރިން އޭނާ ވަނީ 1998 އިން 2017 އަށް އެމަގާމު ފުރުއްވާފަ އެވެ.

އިންޑިއާއަށް 1947ގައި މިނިވަންކަން ލިބުނު ފަހުން ކޮންގްރެސްގެ ލީޑަރުކަން އަބަދު ވެސް ކުރައްވާފައި ވަނީ ގާންދީ އާއިލާގެ މެމްބަރުންނެވެ.