ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށް ރުހުން ހޯދުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހައި، ކޮމިޓީއަށް އަނބުރާ ފޮނުވާލައިފި އެވެ.

މަޖިލީހުގެ ސަރުކާރު މަސްއުލިއްޔަތު އަދާ ކުރާ ކޮމިޓީން ދިރާސާކޮށް ފާސްކޮށްފައި އޮތީ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރުމަށް ރުހުން ދޭން ފެންނަ ކަމަށެވެ.

މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހާ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ މަގާމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރިއެއްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި އޭނާ ހުންނެވުމުންނެވެ.

މިގޮަތަށް މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވީ، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާގެ ލަފާގެ މަތިން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.

މައުސޫމް މިނިސްޓަރު ކަމުގެ މާގާމުގެ ހުވާ ކުރެއްވީ ޓްރާސްމީޑިއާ ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވަނިކޮށް ކަމަށް ވާތީ އޭނާގެ ހުވާ ސައްހަކަމާ މެދު ބައެއް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވިއެވެ. އެގޮތުން މިކަން މަޖިލީހުގެ ރިޔާސަތު ސަމާލު ކަމަށް ގެންނެވީ، ވިލިފުށި ދާއިރާ މެމްބަރު ހަސަން އަފީފެވެ.

ހަސަން އަފީފު ވިދާޅުވީ، އޭނާ ހުވާ ކުރެއްވި އިރު އެ މަގާމުން އިސްތިއުފާ ދެއްވާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ކުންފުނީގެ އެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އޭނާ އެދިވަޑައިގެންވީ، އެކަންކަން ސާފު ކުރުމަށްފަހު ވޯޓަށް އެހުމަށެވެ.

"އެގޮތަށް އިސްތިއުފާ ނުދެއްވާ ހުވާކޮށްފައިވާނަމަ ގާނޫނު އަސާސީގައި ބުނާ ގޮތާ ހިލާފަށް އެވަނީ ހުވާކޮށްފައި. އެހެން ކަމަށްވާނަމަ އެއީ ސައްހަ ހުވައެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ހަސަން އަފީފު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އޭނާއަށް ރުހުން ދޭން ފެންނަކަމށް ފާސް ކުރި ސަރުކާރު މަސްއުލިއްޔަތު އަދާ ކުރާ ކޮމިޓީ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، އޭނާ މަގާމުގެ ހުވާ ކުރެއްވިއިރު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކަމަށާއި އެހެން ނަމަވެސް ހަމަ އެދުވަހު ކުންފުނީގެ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ކަމަށެވެ.

މިކަމާ ގުޅޭގޮތުން މަޖިލިސް ރައީސް ވަނީ ފޯނުން ގުޅުއްވާ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާއެއް ހޯއްދަވާފައެވެ. ފިލްޒާ ލަފާ ދެއްވީ، ސައްހަ ހުވައެއް ކުރުމަށް ފަހު މަޖިލީހުން ރުހުން ދިނުމަށް ވޯޓަށް އެހުމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ، މަޖިލީހުން ރުހުން ދިނުމުގެ ކުރިން އޭނާ ވަނީ އެ ކުންފުނީގެ މަގާމުން އިސްތިއުފާ ދެއްވައިގެން ކަމަށާއި އެހެން ކަމުން ރިޕޯޓަށް ވޯޓަށް އެހުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މެމްބަރު ހުސައިން ޝަހީމްގެ ވާހަކަތަކަށް ތާއިދު ކުރެއްވިއެވެ. އޭނާވެސް ވިދާޅުވީ، އެ މަގާމުން މިހަރު އިސްތިއުފާ ދެއްވައިފައިވުމުން ރުހުން ދިނުމަށް ވޯޓަށް އެހޭނެ ކަމަށެވެ.

މައުސޫމުގެ ހުވާ ސައްހަ ވާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ވިދާޅުވިއެވެ.

ތޫޅާދޫ ދާއިރާގެ މެމްބަރު އަދި ގަނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ، މަޖިލިހުން ރުހުން ދޭން ވަނީ މައުސޫމް ސައްހަ ހުވައެއް ކުރުމަށްފަހު ކަމަށެވެ. ހިސާން ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތުންގެ މަތިން ވަޒީރުގެ މަގާމުގެ ފަތް ކޮޅު އަރުވާ ހިސާބުން އޭނާ އެހުރީ މަގާމާ ހަވާލުވެފައި ކަމަށެވެ. އެހެން ކަމުން އެ ހިސާބުން ގާނޫނު އަސާސީގައިވާ ގޮތުން އެ ހިސާބުން އޭނާ ވިޔަފާރިތަކުން ދުރުވާން ޖެހޭނެ ކަމަށެވެ.

ރިޔާސަތުން އެ މައްސަލަ ކޮމިޓީއަށް އަނބުރާ ފޮނުވާލާނެ ކަމަށް އިއުލާން ކުރެއްވި ނަމަވެސް، މިކަމުގައި ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށްވެސް އެހިއެވެ.

އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވީ، މިކަމުގައި ރުހުން ދޭން ވޯޓަށް އެހުމުގެ ކުރިން އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. އެ ހުށަހެޅުން ފާސް ކުރުމަށް ވޯޓު ދެއްވީ، 60 މެމްބަރުން ވޯޓު ދެއްވި އެވެ.