ތެހެރާން (ޖަނަވަރީ 12) : އީރާނުގެ ވެރިރަށް ތެހެރާންގެ އުތުރުގައި އިއްޔެ ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާއެއްގައި އެޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅުންހުރި މަސްއޫލުވެރިއަކު އަވަހާރަކޮށްލައިފިއެވެ.

ތެހެރާންގެ މޭޔަރގެ ނައިބު ސަފަރު ޢަލީ ވިދާޅުވިގޮތުގައި ބޮމުގެ ޙަމަލާގައި އަވަހާރަކޮށްލާފައިވަނީ އީރާނުގެ ނަތަންޒް ނިއުކްލިޔަރ މަރުކަޒުގެ ކޮމާޝަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. މުސްތަފާ އަހްމަދު ރަވްޝާނެވެ.

ރަވްޝާން އަވަހާރަކޮށްލީ މޮޓޯ ސައިކަލެއްގައި އައި މީހަކު އޭނާގެ ކާރުގައި ހަރުކޮށްފައިވާ މެގްނެޓިކް ބޮމެއް ރިމޯޓް ކޮންޓްރޯލެއްގެ އެހީގައި ގޮއްވާލައިގެން ކަމަށްވެސް ޢަލީ ވިދާޅުވިއެވެ. މިބޮން ގޮއްވާލާފައިވަނީ ރަވްޝާން ކާރަށް އެރުމަށް ފަހުގައިކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

ރަވްޝާންގެ ކާރުގައި ބޮން ހަރުކުރީ މޮޓޯ ސައިކަލެއްގައި އައި ދެމީހުން ކަމަށްވެސް މަންޒަރުދުށް ބައެއްމީހުން ބުނެފައިވެއެވެ. އީރާނުންވަނީ ރަވްޝާން އަވަހާރަކޮށްލި މި ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވަނީ އިސްރާއީލާއި އެމެރިކާ ކަމަށް ތުހުމަތުކޮށްފައެވެ. އަވަހާރަކޮށްލި ރަވްޝާނަކީ ޕާޓް ޓައިމްގައި އީރާނުގެ ޔުނިވަރސިޓީއެއްގައި ކިޔަވައިދެއްވާ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށް ތެހެރާންގެ މޭޔަރުގެ ނައިބު ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށާއި އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުންނަށް އަމާޒުކޮށްގެން މިފަހަކަށް އައިސް ގިނަ ޢަދަދެއްގެ ޓެރަރިސްޓް ޙަމަލާތަކެއްދީ އީރާނުގެ ނިއުކްލިޔަރ ސައެންސްވެރިންގެ ތެރެއިން 3 މީހަކު އަވަހާރަކޮށްލާފައިވެއެވެ. މީގެތެރެއިން ބައެއް ޙަމަލާތަކުގެ ފަހަތުގައި އިސްރާއީލާއި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތްވެސް ވާކަމަށް އީރާނުން ތުހުމަތުކޮށްފައިވެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި އިސްރާއީލުން ޓެރަރިޒަމަށް އެހީވާކަމަށް އީރާނުން ތުހުމަތުކުރާއިރު އެމެރިކާއާއި އިނގިރޭސިވިލާތުން މިކަން ދޮގުކޮށްފައިވެއެވެ.

އިސްރާއީލުގެ މަސްއޫލުވެރިންވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަށް އަމާޒުކޮށް ދެވޭ ޓެރަރިސްޓް ޙަމަލާތަކަށް ފާޅުގައި ތަޢްރީފްކުރައްވައި އެކަމަށް ހިތްވަރު ދެއްވައި ވާހަކަ ދައްކަވާފައެވެ. އިއްޔެ ތެހެރާންގައި ހިންގި ޓެރަރިސްޓް ޙަމަލާގައި ބޭނުންކޮށްފައިވަނީ އިސްރާއީލުގައި އުފައްދާ ބާވަތުގެ މެގްނެޓިކް ބޮމެއް ކަމަށާއި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޓެރަރިސްޓް ޙަމަލާތަކުގައިވެސް ބޭނުންކުރަނީ މިބާވަތުގެ ބޮންކަމަށް އީރާނުގެ ފުލުހުން ބުނެއެވެ.

މިދިޔަ ނޮވެމްބަރމަހު އީރާނުގެ ރޮކެޓް އިންޑަސްޓްރީގެ މަރުކަޒެއްގައިވެސް ބޮމެއް ގޮއްވާލައިގެން އެޤައުމުގެ ސީނިއަރ ރޮކެޓް ސައެންސްވެރިއަކު އަވަހާރަ ކޮށްލާފައިވެއެވެ. އިއްޔެގެ ޓެރަރިސްޓް ހަމަލާއަށް އިސްރާއީލުގެ މަސްއޫލުވެރިން ވަރަށް ބޮޑަށް ތައްރީފްކުރައްވާފައިވާއިރު އިސްރާއީލުގެ އިތުރުން އިނގިރޭސިވިލާތްވެސް އިއްޔެގެ ބޮމުގެ ޙަމަލާއަށް އެހީތެރިވެފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފައިވެއެވެ.

އިއްޔެގެ ޙަމަލާއާގުޅިގެން އީރާން ބުނީ މިއީ އެޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގައި ނާކާމިޔާބުވެ މާޔޫސްވުމާ ގުޅިގެން އެމެރިކާއާއި އިސްރާއީލުން ހިންގާ ފިނޑި އަދި ދަށުދަރަޖައިގެ ޢަމަލުތަކެއް ކަމުގައެވެ.

2008 ވަނައަހަރު އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅިފައިވާ ކޮމްޕިއުޓަރ ވިއުގައަށް ދިން ވައިރެހުގެ ހަމަލާތަކުގެ ފަހަތުގައިވާ ކަމަށްވެސް އީރާނުން ތުހުމަތުކޮށްފައިވަނީ އެމެރިކާއާއި އިސްރާއީލުގެ މައްޗަށެވެ. ތެހެރާންގައި އިއްޔެ ބޮން ގޮއްވާލާފައިވަނީ ފަރުބަދައެއްގެ އަޑީގައިވާ ނިއުކްލޔަރ ލެބޯޓްރީއެއްގައި ޔޫރޭނިޔަމް ފައްކާކުރަން ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަން އީރާނުން ހާމަކޮށްފައިވަނިކޮށެވެ.

އަންނަ ޖަނަވަރީ މަހުގެ ކުރިން އީރާނުން ނިއުކްލިަޔރ ތަޖްރިބާއެއްކުރާނެކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)