14:30


ޤައުމީ މަޞްލަޙަތު ކުރިއަށް ނެރެގެން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެގެން، މަޝްވަރާގެ އުޞޫލު ކުރިއަށް ނެރެތިބެ، ގައުމުގެ ހަމަޖެހުމާއި އިސްތިޤުލާލަށްޓަކައި، އިސްލާމް ދީނާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރުމަށް، ހުރިހާ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.


ގައުމުގައި މިހާރު ފެށިގެން އުޅޭ ސިޔާސީ ކަންބޮޑުވުންތަކާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ވަނީ، ޤާނޫނު އަސާސީގެ ދަށުން ޤާއިމުވެފައިވާ، ވެރިކަން ހިންގުމުގެ ނިޒާމު، ބިނާވެފައިމިވަނީ ދައުލަތެއްގައި އޮންނަންޖެހޭ މައިގަނޑު ތިންބާރުގެ މައްޗަށް ކަމަށެވެ. އަދި މިއަދު ބާރުތައް ވަކިވެފައިވާ، ތިންބާރުން ކުރެ ބާރަކުން އަނެއްބާރަށް ހުރަސްއަޅައި ރައްޔިތުންގެ ވިންދާ އެއްގޮތަށް، ޤައުމު ކުރިއަށް ގެންދިއުމުގެ ފުރްޞަތު ނުދޭކަމުގައިވަނީ ނަމަ ޤައުމީ މަޞްލަޙަތުތައް ފުނޑުފުނޑުވެ، ކަންކަން ފަސާދަވެ، އިޞްލާޙުގެ މަގަށް ހުރަސް އެޅި، ޤައުމުގެ އިޖުތިމާޢީ އުޞޫލުތައް މުގުރި، މުޖުތަމަޢުގެ ސަފުތައް ރޫޅި، ވިއްސިވިހާލިވެގެން ދާނެކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި އެއީ ޤައުމަށް ހެއުއެދޭ އިޚްލާޞްތެރި އެއްވެސް ބަޔަކު އެދޭނެކަމެއްނޫން ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.


އަދި ޤާނޫނީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރަށް ޤާނޫނު ހަދާ މަޖްލީހުގެ އެންމެހައި ޢިއްޒަތްތެރި މެންބަރުންގެ އެހީތެރިކަން ދެވެން އޮތް އެންމެ ފުރިހަމަ ގޮތުގައި ދެއްވުމާއެކު އެބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ މަސްއޫލިއްޔަތު ޤައުމުގެ ޙައްޤުގައި ފުރިހަމައަށް އަދާކުރެއްވުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. އަދި ޤާނޫނުން ލިބިދީފައިވާ ބާރާއި ނުފޫޒުގެ ބޭނުން ޒާތީ މަފާދުތަކަށްޓަކައި އެއްވެސް ފަރާތަކުން ޤުރުބާންކޮށް ނުލުމަށާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ޤަދަރާއި ކަރާމަތް ނެގެހެއްޓުމަށް ތިންބާރުން މަސައްކަތް ކުރުމަށް ވެސް އެބަޔާނުގައި ގޮވާލާފައިވެ އެވެ.