25 Aug 2020, 11:59
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުން ގިނަވާތީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ހިދުމަތް ކުރުމަށް ސިއްހީ ހިދުމަތްތެރިން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެޗްއީއޯސީގައި އަދި ކޮވިޑް19 ގެ ބަލި މީހުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރުމަށް، މެޑިކަލް އޮފިސަރުންނާއި، ނަރުހުން އަދި ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ.
އެހެންކަމުން މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އީމެއިލް ކުރުމަށް ހެލްތުން ވަނީ އެދިފައެވެ.
އީމެއިލް ކުރާއިރު، ލައިސަންސްއާއި ރަޖިސްޓްރޭޝަން ހިމަނަން ޖެހޭނެއެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނައިރު، ބައްޔަށް ފަރުވާދޭންތިިބި މީހުން ވަރުބަލިވެ، ފަރުވާ ދޭން ތިބޭ ސިއްހީ އެހީތެރިންގެ އަދަދު މަދުވެދާނެ ކަމަށް އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ރޭ ވަނީ ވިދާޅުވެފައެވެ.
އިންސާނީ ވަސީލަތަކީ ކޮވިޑު މެނޭޖުމެންޓުގައި މުހިއްމު ކަމެއް ކަމަށާއި ފަރުވާދޭނެ އެނދާއި އާލާތްތައް ހުރިނަމަވެސް ފަރުވާ ދޭނެ އިންސާނީ ވަސީލަތް ނެތުމަކީ ދައްޗަކަށް ވާނެ ކަމެއްކަން ފާހަގަ ކުރައްވާ ޑރ. މުރާދު ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ އެއްމަހުން ދެމަހުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ޑޮކްޓަރު ވިދާޅުވީ ހުރިހާ ޑޮކްޓަރުންނަށް އަދި ނަރުހުންނަށް ހަމައެކަނި ކޮވިޑަށް ފަރުވާދޭން ހުސް ނުވެވޭނެ ކަމަށާއި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ހިދުމަތް ދޭން ޖެހޭ ކަމަށެވެ.
ދެބަޔަށް ބަހައިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރާއިރު، ކޭސްތައް ގިނަވެގެން ދާނަމަ ސިއްހީ ނިޒާމަށް ދަތިވާނެކަން ޑރ. މުރާދު ފާހަގަ ކުރެއްވި އެވެ.