25 Aug 2020, 11:55
މާލިއްޔަތުގެ ގަވާއިދު އިސްލާހު ކުރުމަށް އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިިން ބުނީ މާލިއްޔަތުގެ ގަވައިދު އިތުރަށް ފުރިހަމަ ކުރުމަށްޓަކާ އެޓާނީ ޖެނެރަލް، އޮޑިޓާ ޖެނެރަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ އިތުރުން އޭސީސީގެ ނާއިބު ރައީސް ފާތިމަތު އަނޫލާ އާއި އިއްޔެ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަދި މި މަޝްވަރާތަކުގެ ތެރެއިން ހުރިހާ އިދާރާއެއް ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލާ އެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ މިފަހަރު މާލިއްޔަތު ގަވައިދު މުރާޖައާ ކުރެވޭއިރު އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަވާ ކަންތައްތަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުތަކުގައި ފާހަގަ ކުރެވޭ ނުކުތާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި އެންމެ ފައިދާ ބޮޑުވާނެ ކަމަށް އެޓާނީ ޖެނެރަލްއަށް ފާހަގަ ކުރެވޭ ކަންތައްތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރެވިގެންދާނެ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވައިދަށް ދާދިފަހުންވަނީ ތިން ވަނަ އިސްލާހެއް ގެނެސް ޖުލައި ހަތަރު ވަނަ ދުވަހު ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ. އެފަހަރު ގެނެވުނު އިސްލާހުތަކުގައި މާލިއްޔަތު ގަވައިދަށް އަމަލު ކުރާ ދައުލަތުގެ އިދާރާތަކަށް ފާހަގަ ކުރެވިފައިވާ ކަންތައްތަކާއި 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ބޭއްވި "ބީލަންވެރިންގެ މަހާސިންތާ" ގައި ބީލަންވެރިން ފާހަގަ ކުރި މުހިއްމު ގިނަ ކަންތައްތަކެއް ހިމެނެ އެވެ.