ކޮވިޑް19އާ ގުޅިގެން ދައުލަތުގެ އޮފީސްތަކުން އަޅަން އަންގާފައިވާ ހަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އިދާރާތަކަށް ފޮނުވާފައިވާ ސާކިޔުލާއެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން ހަރަދު ކުޑަކުުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މާޗު 18 ވަނަ ދުވަހު އަދި މެއި 16 ވަނަ ދުވަހު އެ މިނިސްޓްރީ އިން ނެރުނު ސަކިޔުލާތަކުން އަޅާފައިވާ ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާޗް މަހުން ފެށިގެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން މިނިސްޓަރުގެ ނައިބާއި އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީގެ މަގާމުތަކުގެ އަސާސީ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން މާޗު މަހު ނެރުނު ސާކިޔުލާގައި އޮތީ ދެ މަހަށް މުސާރަތައް ކުޑަކުުރުމަށެވެ.

މީގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރަ 20،001 އިން މަތީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ނިންމި ނިންމުން ނިމުމަކަށް ގެނެސް މުސާރަތައް އިއާދަކުރަން ވަނީ ނިންމައިފަ އެވެ.

އަދި ކޮވިޑާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަކުރަން ނިންމި ނިންމުން ވެސް ނިމުމަކަށް ގެނެސް މަޖިލީުގެ މުވައްޒަފުންނަށް ވެސް ކުރީގެ މުސާރަ ލިބޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

މުސާރަތައް އިއާދަކުރި ނަމަވެސް ފިނޭންސްގެ ހުއްދަ ނެތި އާ މުވައްޒަފުން ނުނެގުމާއި، މިހާރު ނުދޭ އާ އެލަވެންސްތައް ދިނުން އަދި ވަކިވާ މުވައްޒަފުންގެެ ބަދަލުގައި އާ މުވައްޒަފުން ނުނެގުން ފަދަ ފިޔަވަޅުތައް ދެމެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ދައުލަތުގެ ހުރިހާ އިދާރާއަކުން ރާއްޖެ އިން ބޭރަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލަން އަންގަފައިވާ އެންގުން ވަނީ ދަމަހައްޓަން ނިންމައިފަ އެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ސާކިޔުލާގައި ބުނެފައިވެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދަނީ ބޮޑު އަސަރެއް ކުރަމުންނެވެ. އެންމެ ބޮޑަށް ޖީޑީޕީ ދަށްވި ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ އިރު، މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިން ގެންނަން ވަނީ ފަށައިފަ އެވެ.