11 Jan 2012, 23:25
މިނިވަން މީޑިޔާއެއް ކުރިއެރުވުމަށް ކުރާ މަސައްކަތައް ކުރިމަތިވެފައިވާ އެންމެބޮޑު ދުޝްމަނަކީ ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
މިއަދު މެންދުރު ފަހު ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ޕީޕީއެމްގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ]މުންދު[ ވިދާޅުވީ ސަރުކާރުން ހިންގާ ޖަރީމާތަކާއި ކޮރަޕުޝަނުގެ އަމަލުތައް ރާއްޖޭގެ ޒިންމާދާރު މީޑިޔާތަކުން ހާމަކޮށް، ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔުން ސަރުކާރަށް ހަޖަމުނުކުރެވުމުން ހައިރާންވާ ކަމަށެވެ.
"ނޫސްވެރިކަމުގެ ތެރޭގައި އުޅުއްވި ކަމަށް އަދި އަސާސީ ހައްގުތަކަށް ވަކަލާތުކުރެއްވެވި ކަމަށް ދައުވާ ކުރަށްވާ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔުމަކީ އެއްގޮތަކަށް ވެސް ހަޖަމު ނުކުރެވޭ ކަމީ ހައިރާން ވާން ޖެހޭ ކަމެއް،" ޕީޕީއެމުން ނެރުނު ބަޔާނުގައިވެ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދު ވީރާނަވެ ދަރަނިވެރިކަމަށް ގައުމު ވެއްޓިގެން ދިއުމާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވުމުގެ ފުރުސަތު ގެއްލުމުން އެކަމުގެ ބަދަލު މިނިވަން މީޑިޔާގެ ކިބައިން ހިއްޕަވަން ސަރުކާރުން މަސައްކަތްކުރުމަކީ ވަރަށް ފިޑިއަމަލެއް ކަމަށެވެ.
"... މިހާރު މިސަރުކާރުން އަސުރުން ގޮސް އޮއްސި ގެއްލުމުން ދިއުމާއި ދެމެދު ހުރި ހަމައެކަނި ހުރަހަކީ އަދި ރައްޔިތުންގެ ވިންދާ ދެކޮޅަށް އެންމެ މުޑުދާރު އަމަލުތައް ހިންގާ މެޝިނަކީ އެމްއެންބީސީ ކަމަށް ވީހިނދު 2013 ވަނަ އަހަރު އިންތިހާބައި ދިވެހި ރައްޔިތުން ކުރިމަތިލާއިރު އެއިންތިހާބު މިނިވަންކުރުމުގެ މަގުސަދުގައި ރައީސް ނަޝީދުގެ ވަކިތަކުން އެމްއެން ބީސީ މިނވަންކޮށް ޕަބްލިކް ބްރޯޑް ކާސްޓަރެއްގެ ގޮތުގައި މިނިވަން ކުރުމަށް ޕީޕީއެމުންވަނީ އަޒުމު ކަނޑައަޅާފައި،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރަށް ވެސް ދިޓީވިގެ މުއައްސިސް ޗަންޕާ މުހައްމަދު މޫސާ އާއި އޭނާގެ އާއިލާއަށް ޒުހައިރު ދެއްވި ދަށުދަރަޖައިގެ އިންޒާރު ވަރަށް ހަރުކަށި އިބާރާތުން ޕީޕީއެމުން ވަނީ ކުށްވެރި ކޮށްފަ އެވެ.