ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައީސް މައުމޫނުގެ ސަރުކާރުގައި 2007 ވަނަ އަހަރު ނެގި ވޯޓު އޮޅުވާލައިފައި ނުވާނެ ކަމަށް އޭރު ހާއްސަ މަޖިލީހުން އެކުލަވާލި އިންތިހާބީ ކޮމިޓީގެ މެމްބަރުކަން ކުރެއްވި އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެހާސް ހަތް ވަނަ އަހަރު ނެގި ނިޒާމީ ވޯޓު އޮޅުވާލި ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ އޭރުގެ މެންބަރެއްގެ ގޮތުގައި އޭނާ ވެސް އެ ވޯޓުގެ ކަންތައްތަކުގައި މަސައްކަތް ކުރެއްވި ކަމަށާއި އެ ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށެވެ.

"އެ ވޯޓު ނެގެމުގެ މަސައްކަތުގައި ހާއްސަ މަޖިލީހުން އެކުލަވާލި ކޮމިޓީއެއްގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރިން. ވޯޓު އޮޅުވައެއް ނުލާ،" ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ރޭ ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި ކޮންމެ ވޯޓެއް ވެސް އޮޅުވާލާފައިވާ ކަމަށާއި އަދި މަކަރު ހެދި ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އަދި ރައީސް މައުމޫނަށް އޮޅުވާ ނުލެވުނީ ހަމައެކަނި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު، ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވީ، ރައީސް މައުމޫން ނިޔާސީ އަދި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް އެގޮތަށް ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ.

ނިޒާމުގެ ބަހުސް އަނެއްކާ ވެސް ފެށިގެން މި އައީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައަޅައި އެކަން ގާނޫނު އަސާސީގައި ހިމެނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފައި ވަނިކޮށެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ގާނޫނު އަސާސީގައި ބަޔާންވެގެންވާ ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުުލްޖުމްހޫރިއްޔާ އަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.