ދޯނެއްގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން މަސައްކަތް ކުރަނިކޮށް ދޯނީގެ ބުރަފަތީގައި ޖެހި ޒުވާން ފަޅުވެރިއަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ދިވެހި ސިފައިން ބުނީ، މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ ގދ. ތިނަދޫއާ 16 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން ނިކުމެ އުޅުނު، "ރޯޅި" ދޯނީގައި ހުރި 25 އަހަރުގެ މީހެއް ކަމަށެވެ. ދޯނީގެ ބުރަފަތީގައި އޮޅުނު ވާ ނައްޓަން މަސައްކަތް ކުރަނިކޮށް ބުރަފަތިން ޖެހި އޭނާގެ ފައިގެ ފަލަމަސްގަނޑު ކަފައިގެން ގޮސްފައިވާ ކަމަށް ސިފައިން ބުންޏެވެ.

ސިފައިންގެ އެހީތެރިކަމާ އެކު އެ މީހާ މިހާރު ވަނީ ތިނަދޫއަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ވާ ނެއްޓުމުގެ މަސައްކަތް ފަޅުވެރިޔާ ކުރަމުން ދަނިކޮށް ދޯނީގެ ކެޕްޓަނަށް އޮޅިގެން ގިޔަރަށް ލެވިގެން ކަމަށް ވެސް ސިފައިން ބުންޏެވެ.