25 Aug 2020, 09:21
ޖެނީވާ (އޮގަސްޓް 25) : ކޮވިޑް-19ގެ ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) ކުރިޔަށްގެންދާ ޕްލެޓްފޯމުގައި 172 ގައުމު ބައިވެރިވެފައިވާ ކަމަށާއި ހުރިހާ ގައުމަކަށް ވެސް ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެޖަމްއިއްޔާ އިން ބުނެފި އެވެ.
ވެކްސިން ފޯރުކޮށްދެނީ އެކަމަށް ޚާއްސަ ޕްލެޓްފޯމެއްގެ ދަށުން
ޑަބްލިއުއެޗްއޯގެ ވެރިޔާ އަދި ޑައިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ހުރިހާ ގައުމުތަކަށް ކޮވިޑްގެ ވެކްސިން ފޯރުކޮށްދޭނީ އެޖަމްއިއްޔާއިން އިސްނަގައި އެކުލަވާލާފައިވާ ކޯވެކްސިން ނުވަތަ ކޯވެކްސް ޕްލެޓްފޯމު ދަށުން ކަމުގައެވެ. ކޯވެކްސިން ނުވަތަ ކޯވެކްސް ޕްލެޓްފޯމްގެ އަކީ މިދިޔަ އޭޕްރިލް މަހު ދުނިޔޭގެ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކާއި މާލީ އިދާރާތައް ފަދަ ކޮވިޑްއަށް އެހީތެރިވާ ހުރިހާ ފަރާތްތަކެއް ބައިވެރިކޮށްގެން ޑަބްލިޔޫއެޗްއޯ އިން ފެށި "އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ" ޕްރޮގްރާމްގައި ހިމެނޭ ބައެކެވެ. މިއެކްސެސް ޕްރޮގްރާމުގެ ބޭނުމަކީ ކޮވިޑް-19 އިން ސަލާމަތް ވުމަށް ޓަކައި ގައުމުތަކަށް ވާން ޖެހޭ ހުރިހާ އެހީތެރިކަމެއް ވެދިނުމެވެ.
މީގެތެރޭގައި ކޮވިޑްއަށް ވެކްސިން އީޖާދުކުރުމަށް ފަންޑުކުރުމާއި ވެކްސިން އިޖާދުކުރެވުމުން ވެކްސިން ފޯރުކޮށްދިނުމާއި ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ރައްކާތެރި ކަމުގެ ސާމާނު ފޯރުކޮށްދިނުމާއި ފަންނީ އެހީ ފޯރުކޮށްދިނުންފަދަ އެތަށް ކަމެއް ދުނިޔޭގެ ގައުމުތަކަށް (ފަގީރު ގައުމުތަކަށް އިސްކަން ދީގެން) ފޯރުކޮށްދިނުމެވެ.
ފުރަތަމަ އިސްކަން ދެނީ ފަގީރު ގައުމުތަކަށް
ޑރ. ޓެޑްރޮސް ވިދާޅުވީ ކޯ ވެކްސިން ނުވަތަ ކޯވެކްސް ޕްލެޓްފޯމްގެ ދަށުން ފުރަތަމަ އިސްކަންދޭނީ އަމިއްލަ ޚަރަދުގައި ހުރިހާ ރައްޔިތުންނަށް ވެކްސިން ނުގަނެވޭ ފަދަ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަށެވެ. ވެކްސިންއަކީ މުޅި ދުނިޔެއަށް ބޭނުންޥާވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުފެއްދޭނެ އެއްޗަކަށް ނުވާތީ ފުރަތަމަ ލިބޭ ވެކްސިންގެ ސަޕްލައި ބޭނުންވާ ވަރަށްވުރެ މާބޮޑުތަން މަދުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިޕްލެޓްފޯމު މެދުވެރިކޮށް ޑަބްލިއުއެޗްއޯ އިން މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް -19ގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑު ހައި ރިސްކު (ފުރާނައަށް ނުރައްކާވާ) ގިންތީގެ މީހުންނަށް އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިނުމަށެވެ. މި ޕްރޮގްރާމުގެ ކުރިޔަށް ގެންދާނީ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެންކަމަށްވެސް ޑރ. ޓެޑްރޮސް ވިދާޅުވި އެވެ.
ޗައިނާގައި ހައިރިސްކު މީހުންނަށް ވެކްސިން ދޭން ފަށައިފި
ޗައިނާއާއި ރަޝިއާއިން އުފެއްދި ކޮވިޑް-19ގެ ވެކްސިންތައް މިހާރު ވަނީ ކާމިޔާބާ ހަމައަށް ގޮސްފަ އެވެ. އިނގިރޭސިވިލާތާއި ޖަރުމަނާއި އެމެރިކާއިން އުފައްދާ ވެކްސިންތަކުގެ ކާމިޔާބުކަން ކަށަވަރު ވެފައިވާ އިރު އެގައުމުތަކުން ވެސް މިހާރު މަސައްކަތް ކުރަނީ އޭގެ އެންމެ ފަހުގެ މަރުހަލާގަ އެވެ.
ރަޝިއާއާއި ޗައިނާގެ ވެކްސިންތަކަށް އެދެގައުމުގެ ވެކްސިން މެނޭޖްމަންޓް ގާނޫނުގެ ދަށުން މިހާރު ވަނީ ހުއްދަވެސް ދީފަ އެވެ. ޗައިނާ އިން އަދި ދިނީ ކޮވިޑް-19 ޖެހުމުން އޭގެ ނުރައްކާ ބޮޑުވާނެކަމަށް ބެލެވޭ ގިންތި ތަކުގެ މީހުންނަށް އެކަނި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެވެ. މި ހުއްދައިގެ ދަށުން ޗައިނާއިން ވަނީ އެ ގިންތީގެ މީހުންނަށް މިހާރު ވެކްސިން ދޭން ވެސް ފަށައިފަ އެވެ.

ޗައިނާގައި ހައި ރިސްކު މީހުންނަށް ކޮވިޑްގެ ވެކްސިން ދެނީ
ޗައިނާގެ ވެކްސިން ޑިވެލޮޕްމަންޓް ޓާސްކް ފޯހުގެ ޗެއާމަން ޒެންގް ޒޮންގްވޭ ވިދާޅުވި ގޮތުގައި ތަޖްރިބާގެ މަރުހަލާތައް މުޅިން ނުނިމުނު ނަމަވެސް ކޮވިޑް ފަދަ ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ ހާލަތްތަކުގައި އެންމެފަހުގެ މަރުހަލާ ނުނިމޭ ވެކްސިން ވެސް ޗައިނާގެ ވެކްސިން މެނޭޖްމަންޓް ގާނޫނުގައި ހައިރިސްކު މީހުންނަށް ދިނުން ހުއްދަ ކުރެއެވެ.
ރަޝިއާގެ ވެކްސިންވަނީ ހުއްދަ ދިނުމަށް ފަހު އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގައި އެވެކްސިން ރަޖިސްޓްރީވެސް ކޮށްފަ އެވެ. މިހާރު ކުރިޔަށް ގެންދަނީ ބޭރަށް އެކްސްޕޯޓް ކުރުމުގެ ކުރިން ކުރާ ޓެކްނިކަލް ތަޖްރިބާއެކެވެ. މިއާ އެކު އެދެގައުމުން އަންނަ މަހުގެ ތެރޭގައި ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ޚާއްސަކޮށްގެން ބަލްކް ކޮށް ވެކްސިން އުފައްދަން ފަށާނެ އެވެ.
މުއްސަނދި ގައުމުތަކުން ކޮވިޑް ވެކްސިންގެ ގެރެންޓީ ހޯދައިފި
ރަޝިއާގެ ވެކްސިންގެ އެއްބިލިޔަން ޑޯޒަށް ދުނިޔޭގެ ގައުމުތަކުން އޯޑަރުކޮށްފައިވާ އިރު ޗައިނާގެ ވެކްސިންއަށް ލިބިފައިވާ އޯޑަރު 100 މިލިޔަނަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިއާ އެކު އޮކްޓޯބަރު މަހުގެ ތެރޭގައި ފައިސާގެ ގޮތުން މުއްސަނދި ގައުމުތަކަށް ވެކްސިން ލިބެންފަށާނެކަމަށް ތަޖްރިބާކާރުން ލަފާކުރައްވަ އެވެ.
ފައިސާގެ ގޮތުން ތަނަވަސް ގައުމުތަކުން ބޮޑެތި ޚަރަދު ކޮށްގެން ވެކްސިން ޑޯޒްތައް ހޯދައި އެގައުތަކުގެ ރައްޔިތުންނަށް އެ ވެކްސިން ދިނުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އަމިއްލަ ޚަރަދުގައި އެކަން ފުރިހަމައަށް ނުކުރެވޭ ސަތޭކައަށްވުރެ ގިނަ ގައުމު ވާކަމަށް ޑަބްލިޔޫއެޗްއޯ އިން ލަފާކުރެ އެވެ.
ހުރިހާ ގައުމުތަކަށް ވެކްސިން ނުލިބެނީސް ކޮވިޑުން ސަލާމަތެއް ނުވެވޭނެ
ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ވެކްސިން ލިބިގެންނޫނީ ކޮވިޑް -19 އިން ދުނިޔެ ސަލާމަތް ނުކުރެވޭނެ ކަމަށް ޑަބްލިޔޫއެޗްއޯގެ މާހިރުންނާއި ދުނިޔޭގެ ގައުމުތަކުގެ ސިއްހަތާ ބެހޭ އެނޫންވެސް މާހިރުންނާއި ތަޖްރިބާކާރުން އެއްބަސްވެ ވަޑައިގަންނަވަ އެވެ. އެހެންކަމުން 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމްގައި ހިމެނޭ "ކޯވެކްސް ޕްލެޓްފޯމް"ގެ ދަށުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި ނަމަވެސް މިކަން ފުރިހަމަ ކުރުމަށް އަވަސްވެގެން ދޮޅު އަހަރުގެ މުއްދަތެއް ނަގާނެކަމަށް ޑަބްލިޔޫއެޗްއޯ އިން އަންދާޒާ ކުރެ އެވެ.
(ނޫސްއެޖެންސީތައް)