25 Aug 2020, 09:16
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނައިރު، ބައްޔަށް ފަރުވާދޭންތިިބި މީހުން ވަރުބަލިވެ، ފަރުވާ ދޭން ތިބޭ ސިއްހީ އެހީތެރިންގެ އަދަދު މަދުވެދާނެ ކަމަށް އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.
މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކޮވިޑް19ގެ ބަލި ރާއްޖެއިން ފެނުނު ހިސާބުން މި ބައްޔަށް ފަރުވާދިނުމަށް ސިއްހީ ދާއިރަގެ ގިނަ ހިދުމަތްތެރިންނެއް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެއްދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވަމުންދާއިރު، ގިނަ ބަޔަކު ފެސިލިޓީތަކުގައި އެޑްމިޓް ވަމުން މިދަނީ. މިހެން އެޑްމިޓުވަމުން ދާއިރުގައި، އެތަންތަނުގައި ހިދުމަތް ދޭން ތިބި މީހުންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވެގެން އެބަދޭ ގިނަ ބަލި މީހުންތަކެއް ބަލަން ޖެހުމުގެ ސަބަބުން،" ޑރ. ވިދާޅުވި އެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނައިރު، ޑރ. މުރާދު ވިދާޅުވީ އާދައިގެެ ހޮސްޕިޓަލުތަކުގައި ބަލިމީހުން ބަލާގޮތަށް، ކޮވިޑުގެ ބަލިމީހުން ބެލެން ނޯންނަ ކަމަށެވެ.
"ވަކި ކަހަލަ ކަންތައްތަކެއް ސިއްހީ އެހީތެރިންވެސް، ޑޮކްޓަރުންވެސް ނަރުހުންވެސް އެބަޖެހޭ ފުރިހަމަކުރަން މިފަދަ ބަލިމީހުން ކައިރިއަށް ދާއިރު. ޕީޕީއީ އަޅައިގެން މި މަސައްކަތް ކުރަނީ. ސިއްހީ އެހީތެރިންނަށްވެސް ވަރަށް އުނދަގޫވޭ އެ އެއްޗެހި ލައިގެން ތިބެ ހިދުމަތްދޭން،" ޑރ، މުރާދު ވިދާޅުވި އެވެ.
ޕީޕީއީގައި ގިނައިރު ޑިއުޓީ ހޭދަކުން ޖެހުމުން ސިއްހީ ހިދުމަތްތެރިންވެސް ވަރުބަލިވާ ކަމަށާއި، ދަތި އުނދަގޫ ގޮތުގައި ޑިޔުޓީ ހޭދަކުންޖެހޭ ކަން ފާހަގަ ކުރައްވާ ޑރ. މުރާދު ވަނީ އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހޭ ކޭސްތައް ގިނަވުމަކީ ސިއްހީ އެހީތެރިންވެސް ވަރުބަލިވާނެ ކަމެއްކަން ފާހަގަ ކުރައްވައިފަ އެވެ.
ނަތީޖާއެއްގެ ގޮތުން ކޮވިޑަށް ފަރުވާދޭން ހާއްސަކުރާ ސިއްހީ އެހީތެރިންގެ އަދަދު މަދުކުރަން ޖެހިދާނެ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
"އޭގެ އިތުރުންވެސް އަޅުގަނޑު ފާހަގަކޮށްލަން ސިއްހީ ހިދުމަތްދޭ، ސިއްހީ އެހީތެރިންގެ ތެރެއިންވެސް ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކެއް އެބަ ފެނޭ. މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ފްރަންޓުލައިންގައި މަސައްކަތްކުރާ 121 ފަރާތެއް ކޮވިޑް ޕޮޒިޓިވް ވެފައިވޭ،" ޑރ. މުރާދު ވިދާޅުވި އެވެ.
ބައްޔަށް ޕޮޒިޓިވްވާ ސިއްހީ ހިދުމަތެރިންގެ ބަދަލުގައި އިތުރު ބަޔަކު އެތަނަށް ނެރެން ޖެހޭ ކަން ޑރ. މުރާދު ވިދާޅުވި އެވެ.
އިންސާނީ ވަސީލަތަކީ ކޮވިޑު މެނޭޖުމެންޓުގައި މުހިއްމު ކަމެއް ކަމަށާއި ފަރުވާދޭނެ އެނދާއި އާލާތްތައް ހުރިނަމަވެސް ފަރުވާ ދޭނެ އިންސާނީ ވަސީލަތް ނެތުމަކީ ދައްޗަކަށް ވާނެ ކަމެއްކަން ފާހަގަ ކުރައްވާ ޑރ. މުރާދު ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ އެއްމަހުން ދެމަހުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން އަތުގައި މިހާރު ހުރި އިންސާނީ ވަސީލަތްތަކުގެ ބޭނުން އަޅުގަނޑުމެންނަށް މިވަގުތު ހިފެން އޮތީ. އެެގޮތަށް ހިފާއިރު ކޭސްތައް ގިނަވާނަމަ މިހާރު ތިބި މީހުންނަށް އެކަމުގެ ބުރަ ބޮޑުވާނީ. އެމީހުން މީގެ ތެރެއިން ވަރުބަލި ވެގެން ދާއިރު ދެން ފަރުވާ ދޭން ތިބޭ މީހުން މަދުވާނެ،" ޑރ، މުރާދު ވިދަޅުވި އެވެ.
މީގެ އިތުރުން ޑރ. ވިދާޅުވީ ހުރިހާ ޑޮކްޓަރުންނަށް އަދި ނަރުހުންނަށް ހަމައެކަނި ކޮވިޑަށް ފަރުވާދޭން ހުސް ނުވެވޭނެ ކަމަށާއި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ހިދުމަތް ދޭން ޖެހޭ ކަމަށެވެ.
ދެބަޔަށް ބަހައިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރާއިރު، ކޭސްތައް ގިނަވެގެން ދާނަމަ ސިއްހީ ނިޒާމަށް ދަތިވާނެކަން ޑރ. މުރާދު ފާހަގަ ކުރެއްވި އެވެ.