ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންމެ ވޯޓެއް ވެސް އެމަނިކުފާނު ވަނީ އޮޅުވާލައްވާފައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް މައުމޫނަށް ވަރުގަދަ ހަމަލާއެއް ރައްދު ކުރައްވައިފި އެވެ.

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައަޅައި އެކަން ގާނޫނު އަސާސީގައި ހިމެނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރޭ ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށާއި އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް އެގޮތަށްކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫނުގެ މި ވާހަކަފުޅާއި ވިދިގެން މިރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓުވެސް ރައީސް މައުމޫނު ވަނީ އޮޅުވާލައްވާފައި ކަމަށެވެ އޭރު ވޯޓު ނެގިއިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. މައުމޫނު ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. އޭރު ވެސް ރައީސް ނަޝީދާއި އެމްޑީޕީ އިން ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ނަޝީދު ރޭ ކުރެއްވި ވިދާޅުވީ ރައީސް މައުމޫނަށް އޮޅުވައި ނުލެއްވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު އެކަނި ކަމަށެވެ.

"މަނިކުފާނަށް އޮޅުވައި ނުލެއްވުނީ ހަމައެކަނި 2008 ގެ ވޯޓު. އެއިން ވީ ބަލި،" ރޭ ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ނަޝީދު ގެންދަވަނީ ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަޖިލީހުގެ ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ގާނޫނު އަސާސީގައި ބަޔާންވެގެންވާ ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުުުލްޖުމްހޫރިއްޔާ އަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.