މީގެ ކުރިން ކާފިއުވަގުތު އަސާސީ ހިދުުމަތް ދިނުމަށް ބޭރުގައި އުޅުމަށް ދޫކޮށްފައިވާ ހުއްދައާއެކު މިހާރު ބޭރުގައި ނޫޅެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މީގެ ކުރިން އަސާސީ ހިދުމަތްތައް ދިނުމަށް ދޫކޮށްފައިވާ ޕާމިޓާއެކު ކާފިއު ވަގުތު ބައެއް ފަރާތްތަކުން ބޭރުގައި އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.

މިފަހަރު ކާފިއު ތަންފީޒު ކުރަނީ ވަކި ހިދުމަތެއް ދޭ ފަރާތްތަކަށް އިސްތިސްނާވާ ހުއްދައެއް ދޫކުރުމެއް ނެތިއެވެ. ފުލުހުން ބުނީ އެއްވެސް ފަރާތަކަށް ކާފިއު ވަގުތު ބޭރުގައި އުޅެން ހުއްދައެއް ދޫނުކުރާ ކަމަށާއި އެއްވެސް މީހަކު މިކަމުން އިސްތިސްނާނުވާ ކަމަށެވެ. އަދި އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ކޮވިޑު19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު ޑެލިވަރީގެ ހިދުމަތްްދޭ ފަރާތްތަކަށާއި އާންމުންނަށް އަސާސީ ހިދުމަތްދޭ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދޫކުރިއެވެ. ނަމަވެސް ކޮވިޑޑު ފެތުރޭ މިންވަރު އިތުރުވުމާއެކު މިފަހަރު އެޅި ފިޔަވަޅުތަކުގެ ދަށުން މިފަދަ އެއްވެސް ހުއްދައެއް ދުލެއް ނުލުރެއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ އެއް ފިޔަވަޅަކީ ރޭގަނޑު 10 އިން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކުރުމެވެ. އަދި އަނެއް ފިޔަވަޅަކީ ރޭގަނޑު އަށަކުން ފަތިހު ފަހަކަށް އެއްގަމު އުޅަނދު ދުއްދުން މަނާކުރުމެވެ.

މި އެންގުންތަކާ ހިލާފުވާނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.

ރާއްޖޭގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ ސިއްހި ނިޒާމަށް ނުކަތާވަރަށް ބަލި ފެތުރިދާނެ ކަމަށް ޑޮކްޓަރުން ވަނީ މިހާރު އިންޒާރު ދެއްވައިފައެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 6،912 އެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،588 މީހުންނެވެ. ޖުމްލަ 4،297 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މިހާތަނަށް މި ބަލީގައި 27 މީހަކު ރާއްޖޭގައި ވަނީ މަރުވެފައެވެ.