24 Aug 2020, 23:31
ކޮވިޑް19 އަށް ޕޮޒިޓިވްވެ އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ފަސް މީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ ޑީއެޗް11 ގައި ފަރުވާ ދެމުންދާ ތިންމީހަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ދެ މީހެއް ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުންދަނި 2،588 މީހަކަށެވެ. މީގެ ތެރެއިން 171 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގެ އައިސީޔޫގައި ފަސް މީހަކަށް ފަރުވާ ދެމުންދާއިރު ޑީއެޗް16 ގައި އެކަކަށް ދަނީ ވޯޑުގައި ފަރުވާ ދެމުންނެވެ.
އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 159 މީހަކަށް ފަރުވާ ދެމުންދާއިރު ފަސް މީހަކު އޮތީ އައިސީޔޫގައެވެ.
އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުންދާއިރު ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ މީހާ ވަނީ ބަލިން ރަނގަޅުވުމުން ދޫކޮށްލައިފައެވެ.
މިވަގުތު 1،458 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
ރާއްޖެއިން 27 މީހަކު ކޮވިޑް19ގައި މަރުވެފައިވެއެވެ.