މިރޭ ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 19:50 ހާއިރު އެކްސިޑެންޓު ހިނގާފައި ވަނީ ބުރިޖުގެ ސައިކަލު ލޭނުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި، އަދި އިތުރު ތިން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

އަދި އެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ތިން ސައިކަލަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލު އެކްސިޑެންޓު ވުމުންވެސް މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.