24 Aug 2020, 22:03
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ މިއަދު ބައްދަލުކުރެވިފައިވާ ކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންއާ ސީދާ ބައްދަލުވަޑައިނުގެންނެވޭ ކަމުގެ ޝަކުވާ އެމަނިކުފާނުގެ ވަކީލުން ކުރައްވަމުން ދަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ވަކީލުންނާ ބައްދަލުކުރެއްވުމުގެ އަމުރެއް ނެރެދީފައެވެ.
އަދި އެ އަމުރާއެކު، މިއަދު މެންދުރު 14:00 ން ހަވީރު 16:00 އަށް އެމަނިކުފާނުގެ ވަކީލު ބައްދަލުވުމުން ކަރެކްޝަންސް އިން ވަނީ ހަމަޖައްސައިދީފައެވެ.
އެ ބައްދަލުވުމަށްފަހު، ޑރ. ޖަމީލް "ސަން" އަށް ވިދާޅުވީ، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށާއި، އެމަނިކުފާނު ޖަލުގައި ހުންނެވީ ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވިކަމަށެވެ.
އަދި ސަރުކާރުގެ ކަންތައްތައް އިންތިޒާމްވެގެންދާ ގޮތުންނާ، އެމަނިކުފާނުގެ މައްޗަށް ހުކުމް އައިގޮތުންނާއި އަދި މިހާރު ކަންތައްތައް ހިނގާ ގޮތަށް ބެލުމުން، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާއި ދައުވާއަކީ ސިޔާސީ ބަދަލު ހިފުމެއް ކަން ޔަގީންވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"އެއަށްވުރެ ބޮޑަށް އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ ގައުމުގެ ހާލަތު މިހާ ގޯސްކޮށް ދާއިރުގައި އެ ރައްޔިތުން ބަލަން ނުތިބުމަށް. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަށް،" ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ފޯމު 200 ސަފްހާއަށް ވުރެ ބޮޑު ކަމަށާއި އަދި މައްސަލައިގެ ފައިލުގައި ގާތްގަނޑަކަށް 600 ސަފްހާ އެބަހުރި ކަމަށެވެ.
މިއަދުގެ ބައްދަލުވުން ދިޔައީ ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް ބޮޑެތި މައްސަލަތަކެއް ކަމަށް ވާތީ އިތުރު ވަގުތު ބޭނުންވާނެކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
ވަކީލު ބައްދަލުވުމަށްފަހު ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯޓު އަމުރަކުން ރައީސް ޔާމީން ބައްދަލުކުރަން ޖެހޭ ދުވަހެއް އަތުވެދާނެ ކަމަށް ހީނުކުރައްވާ ކަމަށެވެ.
އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ތާހިރު އަދުލުގެ ނިޒާމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާ ވާހަކަތަކަކީ ދެކޮޅު ނުޖެހޭ، ގާނޫނާ ހިލާފު ވާހަކަތަކެއް ކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
"ރައީސް ޔާމީން ޖަލުގައި ހައްޔަރުކުރުމަށް ފަހު މިއަދު އެ މަނިކުފާނުގެ އަސާސީ ހައްގަށް އާދޭސްކުރަން ޖެހޭއިރު، އަމީރުންނާއި އަމީރާއިން ދަނީ އެމަނިކުފާނުގެ ތަރައްގީގެ ތަހުތުގައި ވެޑުވެމުން. ގައުމުގެ އުންމީދު އޮތީ އަދިވެސް ރައީސް ޔާމީން އާއެކު. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބު ކުރާނަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުނުކުރެވޭތީ، ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަ ދެ ދައުވާގެ އަޑުއެހުންތައް ވަނީ ފަސްކޮށްފައެވެ.