24 Aug 2020, 20:25
މީޓިން ވިސާ އަދި ކޯޕަރޭޓް ރެސިޓެންޑް ވިސާގެ ގޮތުގައި ދެ ބާވަތެއް ތައާރަފުކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅީ، މިހާރު އެ ގާނޫނުގެ ދަށުން ނަގަމުން އަންނަ ވޯކް ވީސާގެ ބަދަލުގައި ވޯކް ޕާމިޓެއް ދޫކުރާ ގޮތަށް ހަމަޖައްސައި، ވޯކް ޕާމިޓް ދޫކުރުމާ ގުޅޭ އެންމެހާ ކަންކަން، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން، ވަޒީފާއާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވުޒާރާއިން ކުރާ ގޮތަށް ހަމަޖައްސައި މީޓިން ވިސާ އަދި ކޯޕަރޭޓް ރެސިޓެންޑް ވިސާގެ ގޮތުގައި ދެ ބާވަތެއް ތައާރަފުކުރުމަށެވެ.
މީޓިން ވިސާއަކީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ
މަތިން، ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫންވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، އިމިގްރޭޝަން ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ.
ކޯޕަރޭޓް ރެސިޑެންޓް ވީޒާއަކީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދެވޭ ހުއްދައެކެވެ.
އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ވިސާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަމަށެވެ.
އަދި އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވޯކް ޕާމިޓް ދޫކުރުމާއި، މުއްދަތު އިތުރުކުރުމާއި، ވޯކް ޕާމިޓް ބާތިލްކުރުމާއި، ވޯކް ޕާމިޓްގެ ފީ ނެގުމާއި، ވޯކް ޕާމިޓްއާގުޅޭ އެންމެހާ ކަންކަން ހިންގައި ބަލަހައްޓާނީ، ގާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީން ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ދެ ހާލަތެއްގައި ރެސިޑެންޓް ވިސާ ދެވޭނެ ކަމަށެވެ.
އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން
އުޅޭ ބިދޭސީއަކަށް، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި
ހުރުމަށް އެދޭ ބިދޭސީންނާއި، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން ކައިވެނީގެ މުއްދަތުގެ ތެރޭގައި ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ
ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ހާލަތުގައި، އޭނާގެ މީލާދީ ގޮތުން 18 އަހަރު ނުފުރޭ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށެވެ.
އެ ހާލަތްތައް ދެމި އޮތްނަމަ، ރެޒިޑެންޓް ވިސާ ކޮންމެ ފަސް އަހަރަކުން އާ ކުރަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނެ ހާލަތްތައް ކަމުގައި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ބޭންކެއްގައި މަދުވެގެން ދެ ލައްކަ ފަންސާސް ހާސް ޑޮލަރު ޑިޕޮސިޓްކޮށް، ދިވެހި ހުރުމަށް އެދޭ ބިދޭސީންނާއި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސަރުކާރުގެ ވުޒާރާއަކުން ހުއްދަކުރާ ރިއަލްއެސްޓޭޓް ވިޔަފާރީ ގައި، ތިން ލައްކަ ޑޮލަރާއި އެއް
މިލިއަން ޑޮލަރާ ދެމެދުގެ ޑޮލަރު އިންވެސްޓްކޮށް، ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ބިލު ދިރާސާކުރުމަށްފަހު ވަނީ އިސްލާހުތަކެއް ވެސް ގެނެސްފައެވެ.
ކޮމިޓީއިން ގެނެސްފައިވާ އިސްލާހުތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލައިފައެވެ. އަދި ބިލުގެ ފުރަތަމަ ބަޔަށް އެއްވެސް ހިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ ސެޕްޓެމްބަރު މަހުގެ 15 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ކޮމިޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.