11 Jan 2012, 21:48
ވޮޝިންގޓަން (ޖަނަވަރީ 11) : ސަޢޫދީ ޚާރިޖީވަޒީރު ސަޢުދުލްފައިސަލް ވަރަށް ކުއްލިގޮތަކަށް ވޮޝިންގޓަނަށް ވަޑައިގެން ރައީސް ބަރަކް އޮބާމާ އާ ބައްދަލުކުރައްވައިފިއެވެ.
ވައިޓް ހައުސްގައި ހުންނަ އެމެރިކާގެ ރައީސްގެ އޮވަލް އޮފީހުގައި ރޭ ބޭއްވި މިބައްދަލުކުރެއްވުމުގައި 2 ގަޑީއިރު ދެބޭފުޅުން މަޝްވަރާ ކުރެއްވިއިރު މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ބައިވެރިވެ ވަޑައިގެންނެވިކަމަށް ޚަބަރުލިބެއެވެ.
ވައިޓްހައުސްއިންބުނީ މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ ދެޤައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާބެހޭގޮތުންނާއި މެދުއިރުމައްޗާއި ގަލްފު ސަރަޙައްދުގެ ކަންތައްތަކާބެހޭގޮތުން ކަމުގައެވެ.
ސައޫދީ ޚާރިޖީ ވަޒީރު ކުއްލިގޮތަކަށް ވޮޝިންގޓަނަށް ވަޑައިގެން ރައީސް އޮބާމާއާ ބައްދަލުކުރެއްވީ ސޫރިޔާގެ ދާޚިލީ މަސްރަޙު އިތުރަށް ގޯސްވެ އީރާނާ ދެކޮޅަށް ހުޅަނގުން އަޅަމުން ގެންދާ އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނާއި ހުޅަނގާ ދެމެދު ބަހުގެ ހޫނު ޙަމަލާތަކެއް ބަދަލުކުރުމާއެކު ހުރްމުޒް ކަނޑުއޮޅި ބަންދުކުރަންޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވަނިކޮށެވެ.
ސަޢޫދީ ޢަރަބިޔާއާއި އެމެރިކާއަކީ ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާމެދު ކަންބޮޑުވެފައިވާ ދެޤައުމެވެ. މިއިންޤިލާބުތަކާއެކު އެމެރިކާގެ އިތުރުން ސަޢޫދީ އަރަބިޔާގެ ނުފޫޒުވެސް މިސްރާއި ތޫނިސްފަދަ ޤައުމުތަކުގައިވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މިގެއިތުރުން ސައޫދީ އަރަބިޔާއަކީ އީރާން ނިއުކްލިޔަރ ބާރަކަށް ވުމާދެކޮޅަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދެމުންގެންދާ ޤައުމެކެވެ.
ސަޢޫދީ އަރަބިޔާއަށް 30 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއާއި ސަޢޫދީ ސަރުކާރު ދާދިފަހުންވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިއީ އީރާނާ ދިމާކުރުމުގައި އެމެރިކާ ގެންގުޅޭ ޢުދުވާނީ ސިޔާސަތަށް ސަޢޫދީން އެއްބާރުލުން ދިނުންކަމަށް އީރާން ތުހުމަތު ކުރެއެވެ. (އަލްޖަޒީރާ+ރޮއިޓާސް)