އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅުމަށް ހަމަޖެހިފައިވާ 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކުންފުންޏަކާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިއަދު ކުޅިވަރާ ބެހޭ ވުޒާރައިގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޙްލޫފް ސޮއިކުރެއްވިއިރު ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝަފްވާން އަބްދުﷲ އެވެ.

މި މަސައްކަތުގެ ދަށުން 35 ދުވަހުގެ ތެރޭގައި މި ސާމާނު ގެންނަން ޖެހޭއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ 7،999،682.2 ރުފިޔާއަށެވެ. މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއަކަށް ވާއިރު ޕާކްތައް ގާއިމްކުރެވިގެންދާނީ މިނިސްޓްރީއިން ކަނޑައަޅާ ރަށްތަކެއްގައެވެ.

މީގެކުރިން ވެސް މިނިސްޓްރީއިން ވަނީ 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފައެވެ. ބައެއް ރަށްރަށުގައި ޕާކް ސެޓްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު އަނެއްބައި ރަށްރަށުގައި ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ ސަރުކާރުން މީގެ ކުރިން ވަނީ ރާއްޖޭގެ 61 ރަށެއްގައި އައުްޓްޑޯރ ޖިމް ގާއިމު ކުރުމަށް ވެސް ކުޅިވަރާ ބެހޭ މިނިސްޓްރީއަށް ބޮޑު އެހީތެރިކަމެއް ވެދީފަ އެވެ. މި ޖިމްތަކަށް ބޭނުންވާ ސާމާނު ގެނައުމަށް ޔޫތު މިނިސްޓްރީއިން ހަވާލުކުރި ސްޕޯޓްސް ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް ނުވަ ވަރަކަށް މިލިއަން ރުފިޔާ ކަމަށާއި، ޖިމްގެ ސާމާނު ރާއްޖެ ގެނެސް އަތުރާ ނިންމާލުމަށް އިތުރަށް 20 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. މި ހުރިހާ ޚަރަދެއް ވެސް ކުރާނީ އިންޑިއާ ސަރުކާރުންނެވެ.