24 Aug 2020, 20:19
ކޮވިޑް19 އާއި ގުޅިގެން ފޮރިން މިނިސްޓްރީ އިން ކޮށްފައިވާ ހަރަދުތައް ކޮށްފައި ހުރީ ރަނގަޅަށް ކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފިއެވެ.
އޮޑިޓް އޮފީހުން މިއަދު އާންމުކުރި ފޮރިން މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ކޮވިޑާ ގުޅިގެން ހަރަދު ކުރުމަށް ދައުލަތުގެ ބަޖެޓުން ފޮރިން މިނިސްޓްރީ އަށް ކަނޑައެޅީ 7.1 މިލިއަން ރުފިޔާއެވެ. އަދި ކޮވިޑާ ގުޅިގެން ހާލުގައި ޖެހިފައިތިބި ދިވެހިންނަށް ހަރަދު ކުރުމަށް ޒަކާތު ފަންޑުން އެ މިނިސްޓްރީ އަށް ތިން މިލިއަން ރުފިޔާ ދޫކުރިއެވެ. މިއާއެކު އެ މިނިސްޓްރީ އިން ހަރަދު ކުރުމަށް ޖުމްލަ 10.1 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުރި ހަރަދުތަކުގެ މައްޗަށް ކޮށްފައިވާ އޮޑިޓުގައިވާގޮތުން ކޮވިޑާ ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންނަށް އެހީވުމަށް ފޮރިން މިނިސްޓްރީ އިން ވަނީ 2.6 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ދީފައެވެ.
ރާއްޖެއިން ބޭރުގައި މެޑިކަލް ދާއިރާއިން ތައުލީމް ހާސިލްކުރަމުން ދިޔަ ދިވެހީންނާއި އިތުރު ބައެއް ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ޓިކެޓު ހަރަދުގެ ގޮތުގައ 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެހެނިހެން ހަރަދުތަކުގެ ގޮތުގައި 501،664 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެ މިނިސްޓްރީ އަށް ކަނޑައެޅުނު 10.1 މިލިއަން ރުފިޔާގެ ތެރެއިން ހަރަދުކޮށްފައިވަނީ 7.2 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީގެ ހިސާބުތަކާ ހަވާލާދީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަރަދު ކުރަން ކަނޑައެޅުނު ފައިސާ އިން 2.8 މިލިއަން ރުފިޔާ ބާކީވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައިވާގޮތުން ކޮވިޑް އާ ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީއިން ދެ އުސޫލެއް އެކުލަވާލިއެވެ.
އެގޮތުން އެއް އުސޫލުގެ ދަށުން ޒަކާތުފަންޑު މެދުވެރިކޮށް، ރާއްޖެއިން ބޭރު ގައުމުތަކުގައި ރާއްޖެ ނާދެވި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 21 މާރިޗް 2020 އިން 10 އޭޕްރީލް 2020 ގެ ނިޔަލަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި، ރާއްޖެއިން ބޭރު ގައުމުތަކަށް އެކިއެކި ޒަރޫރީ ބޭނުންތަކަށް ގޮސްތިބި މީހުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި ތިބި ދިވެހިންނާއި، އެކިއެކި ސަބަބުތަކާއި ހެދި ދިގުމުއްދަތަށް ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް އަމިއްލަ ހަރަދުގައި ގޮސްފައި ތިބި ދިވެހީންގެ ތެރެއިން ފައިސާގެ އެހީތެރިކަން ބޭނުންވާ މީހުންނާއި، ރާއްޖެއިން ބޭރުގައި އެކިއެކި ޒަރޫރީ ބޭނުމަށް ދިރިއުޅޭ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ފައިސާގެ އެހީތެރިކަމަށް އެދެމުން ދާތީ، އެފަރާތްތަކަށް
ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 26 އޭޕްރީލް ގައި އުސޫލެއް އެކުލަވާލައި އެ އުސޫލުގެ ދަށުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް އެހީ ދީފައިވާ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީ އިން ވަނީ ޖުމްލަ 307 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ހަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ފޮރިން މިނިސްޓްރީ އިން ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާފައިވާ އުސޫލުތަކާއި، ހަރަދު ކުރުމަށް ފޮރިން މިނިސްޓްރީ އިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ.