25 Aug 2020, 07:13
ސޮނީ ޗެނަލް އިން ދައްކާ ގޭމް ޝޯ، ކޯން ބަނޭގާ ކްރޯރްޕަތީ (ކޭބީސީ)ގެ ބާރަ ވަނަ ސީޒަނުގެ ޝޫޓިން ފަށައިފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާ އަމީތާބު ބައްޗަން ހޯސްޓްކުރާ މި ސީޒަން ޝޫޓްކުރަން ފެށުމުގެ ކުރިން އަމީތާބު ކުރި ޓްވީޓެއްގައި ބުނީ ޝޯގެ ޝޫޓިންތައް ފަށާނީ ވަރަށް ބޮޑަށް ތައްޔާރީތައް ވެގެން މީހުންގެ ސިއްހަތަށް ވިސްނައިގެން ކަމަށެވެ. ޕީއީ ކިޓު ލައިގެން ޝޯގެ ކްރޫ އިން އެ ޝޯ ހޯސްޓްކުރާއިރު މިހާރު ވަނީ އެ ޝޯ ޝޫޓްކުރުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އާންމުވެފަ އެވެ.
ކޭބީސީއަކީ އެ ޝޯގައި ކުރެވޭ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީގެން މިލިއަނަރަކަށް ވުމުގެ ފުރުސަތު ލިބޭ ޝޯއެކެވެ.
ދެހާސް ވަނަ އަހަރު ޝޯގެ ފުރަތަމަ ސީޒަން ވެސް ހޯސްޓު ކުރީ އަމީތާބެވެ. އަދި އަމީތާބު ވަނީ އެންމެ ސީޒަނެއް ފިޔަވައި، ކޭބީސީގެ ހުރިހާ ސީޒަނެއް ހުށަހަޅައިދީފަ އެވެ. ކޭބީސީ 3 ހުށަހަޅައިދިނީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އެވެ.