24 Aug 2020, 20:18
ކާފިއުވަގުތު ބޭރުގައި އުޅުނު 3249 މީހަކަށް ފިޔަވަޅު އަޅައިފިއެވެ.
ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި އާންމުން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކާފިއު އާ ހިލާފުވާނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އަދި ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.
ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތާއި ގުޅިގެން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަގުމަތީގައި ކަންކަން ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާހަގަކުރެވިފައިވާ ކަންކަމާއި ތަފާސް ހިސާބުތަކާ ގުޅޭ މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ބޭރުގައި އުޅުނު 3،249 މީހުންނާމެދު ފިޔަވަޅު އަޅާފައިވާކަމަށާއި އޭގެ ތެރޭގައި ވަކި އުމުރު ފުރައެއްގެ މީހުންނަށް ފިޔަވަޅު އެޅުނު މިންވަރު ގިނަކަމަށެވެ.
އެގޮތުން 18 އަހަރުން ދަށުގެ 87 މީހުންނަށާއި، 18 އަަހަރާއި 40 އަހަރާ ދެެމެދުގެ 2869 މީހުންނަށް ފިޔަވަޅު އަޅާފައިވާއިރު، 41 އަހަރާއި 65 އަހަރާ ދެމެދު 291 މީހުންނަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި 65 އަހަރުން މަތީގެ ދެމީހަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.
ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ތަކުރާރުކޮށް ފިޔަވަޅު އެޅުނު މީހުންގެ ތަފާސް ހިސާބު ވެސް ރޭ ވަނީ ހިއސާކުރައްވައިފައެވެ.
އެގޮތުން ޝަރީފް ވިދާޅުވީ އެކަކަށް ހަތް ފަހަރު ފިޔަވަޅު އަޅާފައިވާކަމަށާއި ދެ މީހަކަށް ހަ ފަހަރު އަދި އަށް މީހަކަށް ފަސް ފަހަރު ފިޔަވަޅު އަޅާފައިވާކަމަށެވެ.
އަދި 24 މީހަކަށް ހަތަރު ފަހަރު ފިޔަވަޅު އަޅާފައިވާއިރު، 79 މީހަކަށް ތިން ފަހަރު އަދި 354 މީހަކަށް ދެ ފަހަރު ފިޔަވަޅު އަޅާފައިވާކަމަށާއި 2158 މީހުންނަށް އެއްފަހަރު ފިޔަވަޅު އަޅާފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާސްކު ނާޅާ އުޅުނު 2،428 މީހުންނަށް ފިޔަވަޅު އަޅާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މިމަހުގެ އެކަކުން ފެށިގެން މާލެ ސަރަހައްދުގައި މަގުމައްޗާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. މާސްކު ނާޅާނަމަ ފުރަތަމަ ފަހަރު ދެނީ ނަސޭހަތެވެ. ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.
މީގެތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ 116 މީހުންނާއި 18 އަހަރާއި 40 އަހަރާ ދެމެދުގެ 1951 މީހުންނާއި 41 އަހަރާއި 65 އަހަރާ ދެމެދުގެ 353 މީހުންނާއި 65 އަހަރުން މަތީގެ އަށް މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ.
މާސްކު ނާޅާތީ ތަކުރާރުކޮށް ފިޔަވަޅު އަޅާފައިވާ މީހުންނަށް ބަލާއިރު، އެކަކަށް ހަ ފަހަރު ފިޔަވަޅު އަޅާފައިވާއިރު، 10 މީހަކަށް ހަތަރު ފަހަރު، 26 މީހަކަށް ތިން ފަހަރު، 162 މީހަކަށް ދެ ފަހަރު އަދި 1،990 މީހަކަށް އެއް ފަހަރު ފިޔަވަޅު އަޅާފައިވެއެވެ. މީގެއިތުރުން 137 ބިދޭސީއަކަށްވެސް ފިޔަވަޅުއަޅާފައިވެއެވެ. މި ބިދޭސީންނަކީވެސް ޑޮކިއުމަންޓްތައް ހުރެގެން އަދި އެެއީ ކާކުކަން އެނގިގެން ފުލުހުން އެޓެންޑްވެފައިވާ މީހުންނެވެ.
ޝަރީފް ވިދާޅުވީ މި މައުލޫމާތުތަކަކީ ފުލުހުން ބޭނުންކުރާ ވަސީލަތްތަކުގެ ޒަރީއާއިން ފުލުހުން އެއްކުރަމުންދާ މައުލޫމާތުތައް ކަމަށާއި މި ވަސީލަތްތަކުގެ ތެރެއިން ފުލުހުން އެޓެންޑްވާ މީހުން އަދަދުތަކާއި އެމީހަކަށް ކިތައް ފަހަރު ފިޔަވަޅު އެޅިފައިވާކަން އެނގޭނެ ކަމަށެވެ.
މީގެ އިތުރުން ބަލިން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން ރެއިން ފެށިގެން ކޮންމެ ރެއެއްގެ ރޭގަނޑު އަށަކުން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.