ދިރާގު ހެޑްއޮފީސް ކައިރީ ހަމަނުޖެހިން ހިންގި އަންހެނަކަށް ފުލުހުން ނަސޭހަތް ދީފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:10 ހާއިރު، ދިރާގު ހެޑްއޮފީހަށް މާސްކުނާޅާ ގަދަކަމުން ވަނުމަށް މަސައްކަތްކޮށް އެތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމަށް މީހަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން 28 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި އޭނާ އަށް ނަސޭހަތްދީ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އާންމުތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުުކޮށްފައެވެ. އަދި އޮފީސްތަކަށާއި މުވައްސަސާތަކަށް ހިދުމަތް ހޯދަންދާއިރުވެސް މާސްކު އަޅަންޖެހެއެވެ. މާސްކު ނާޅާ އުޅޭނަމަ ފުލުހުން ފުރަތަމަ އެމީހަކަށް ނަސޭހަތްދީ، އަލުން އެކަން ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.