24 Aug 2020, 20:43
ރަނގަޅު ދަތުރުފަތުގެ ނިޒާމެއް އަތޮޅުތެރޭގައި ގާއިމްކުރެވިއްޖެ ނަމަ ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް، ލ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން ކުރިމަތިވަމުން އަންނަ ދަތިތައް ހައްލު ކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގައި ތަޅުމުގައި ވާހަކަ ދައްކަވަމުން މެންބަރު ވިޝާމް ވިދާޅުވީ ބަލިމަޑުކަމުގެ ހާލަތު މާލޭގައި ގޯސްވެފައި ވާތީ، އަތޮޅު ތެރޭގައި ތިބި ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމަށް މާލެ އައުން ވަރަށް ވެސް ދަތިކަމަކަށް ވެފައިވާ ކަމަށެވެ.
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ހޮސްޕިޓަލްތައް ވަރަށް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ވިސާމް ވިދާޅުވީ، އޭނާގެ ދާއިރާ ގަމު ރީޖަނަލް ހޮސްޕިޓަލަށް އެކަނިވެސް ޑޮކްޓަރަށް ދެއްކުމަށް ހަފްތާއެއްގެ މައްޗަށް 2،000 އެއްހާ މީހުން ގަމަށް އަރައިފައިބާ ކަމަށާއި ތ. އަދި އދ. އަތޮޅުގެ ރަށްރަށުން ގިނަ މީހުން ޑޮކްޓަރަކަށް ދައްކަން ގަމަށް އަންނަ ކަމަށެވެ.
ނަމަވެސް މި ހޮސްޕިޓަލްތަކަށް މީހުން އަންނަން އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ސަބަބުން، ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާކަން ވިސާމް ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ތ އަދި ލ އަތޮޅުގެ ދޭތެރޭ ރަނގަޅު ފެރީ ނިޒާމެއް މިހާރުން މިހާރަށް ވެސް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
"އެއިން ކޮންމެ ރައްޔިތަކު ބޮޑު ހަރަދެއް ކޮށްފައި އަންނަނީ ލޯންޗެއް ކުއްޔަށް ހިފައިގެން. މި ގޮތަށް ތަރައްގީކޮށްފައިވާ ހޮސްޕިޓަލްތަކަށް އެބޭފުޅުންނަށް އާދެވޭނެ ދަތުރުފަތުރުގެ ނިޒާމއް އެމްޓީސީސީގެ އެހީގައި ނަމަވެސް ގާއިމް ކުރެވިއްޖެ ނަމަ މިއީ މާލެއަށް ސިއްހީ ހިދުމަތް ހޯދުމަށް މީހުން އައުމަށް ބަރޯސާވާވުމަށް ލުއިކަމެއް ގެނެވޭނެ ކަމެއް. މިއީ ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް އާދޭހެއް،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް އާންމުންނަށް ދަތުރު ކުރެވޭ ގޮތަށް ހާއްސަ ޝެޑިއުލް ފްލައިޓްތައް ބާއްވަމުން ދިޔުމަކީ ވެސް އެކަމަށް ހޯދިދާނެ ހައްލެއް ކަމަށެވެ.
"މިހާރު އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް ދަތުރުތަކެއް ނެތުމުން އެއް ރަށުގައި ތިބޭ މީހުންނަށް އަނެއް ރަށަކަށް ވެސް އެއާޕޯޓުތައް މެދުވެރިކޮށް ވެސް ނުދެވޭ. އެހެން ވީމާ، މިވަގުތު މިއީވެސް ކުރެވިދާނޭ ކަމެއް. ޑޮކްޓަރަށް ދައްކަން މި ގޮތަށް އެއް ރަށުން އަނެއް ރަށަށް ދާން ބޭނުންވާ މީހުން އެބަ ތިބޭ،" ވިސާމް ވިދާޅުވި އެވެ.
މީގެ އިތުރުން، އެކި ބަލިތަކަށް ފަރުވާދޭ ހާއްސަ ޑޮކްޓަރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކަށް މިވަގުތަށް ގެނައުން މުހިންމުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ބަދަލުތަކާ އެކު އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެރީގެ ނިޒާމެއް ގާއިމްވެގެން އައިސް ސްޕެޝަލިސްޓުން މިތަންތާ ތިބޭ ނަމަ މިއީ ރާއްޖޭގެ ހެލްތު ނިޒާމަށް އަންނާނެ ބޮޑު ބަދަލަކަށް ވާނޭ. ރައްޔިތުން މިކަމަށް އެބަ އެދޭ. މިއީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއް،" ވިސާމް ވިދާޅުވި އެވެ.