24 Aug 2020, 20:45
ދިއްލީ (އޮގަސްޓު 24): އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީއަށް އާ ލީޑަރަކު ހޮވުމަށް ގޮވާލައްވަމުން، އެ މަގާމުން އިސްތިއުފާ ދެއްވާނެކަން ސޯނިއާ ގާންދީ މިއަދު އިއުލާން ކުރައްވައިފި އެވެ.
ގާންދީ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވީ ކޮންގްރެސްއަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ބުނެ އެ ޕާޓީގެ 23 އިސް މެމްބަރުން އޭނާއަށް ލިޔުއްވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި މިނިވަންކަން ޔަގީން ކުރުމަށް އިލެކްޝަން އޮތޯރިޓީއެއް ގާއިމު ކުރުމަށާއި ކޮންގްރެސް ވޯކިން ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރަން ގޮވާލާފަ އެވެ. އަދި ޕާޓީގެ ބާރުތައް ލާމަރުކަޒީކޮށް، ސްޓޭޓުތަކުގައި ހަރަކާތްތެރިވާ ޔުނިޓުތައް ބާރުވެރިކުރަންވެސް ގޮވާލާފަ އެވެ.
އެ ސިޓީގައި ސޮއި ކުރެއްވި މީހުންގެ ތެރޭގައި ކޮންގްރެސްގެ ކުރީގެ ފަސް ޗީފް މިނިސްޓަރަކާއި ކޮންގްރެސް ވޯކިން ކޮމިޓީގެ މެމްބަރުންނާއި ޕާލިމެންޓު މެމްބަރުންނާއި ކުރީގެ ޔޫނިއަން މިނިސްޓަރުން ހިމެނެ އެވެ.
އެ ސިޓީ ފޮނުވި ފަހުން ގާންދީ ވަނީ އޭނާ ކޮންގްރެސްގެ ލީޑަރު ކަމުން ދުރުކޮށް، އާ ލިޑަރަކު އައްޔަން ކުރުމަށް ވޯކިން ކޮމިޓީ ގާތުގައި އެދިލައްވާފައި ކަމަށް އޭއެންއައި ނޫހުން ރިޕޯޓު ކުރި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ގާންދީ ކޮންގްރެސްގެ ވަގުތީ ލީޑަރު ކަމަށް ވަޑައިގެންނެވީ 2017 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި އޭނާގެ ދަރިކަލުން ރާހުލް އިސްތިއުފާ ދެއްވުމުންނެވެ. ރާހުލް ޕާޓީގެ ރައީސް ކަމުން ދުރަށްޖެހި ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އިންޑިއާގައި ބޭއްވި އާއްމު އިންތިހާބުން ކޮންގްރެސްއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް މެމްބަރުން ހޮވުމަށް ބޭއްވި އެ އިންތިހާބުން ވެރިކަން ކުރާ ބީޖޭޕީއަށް 303 ގޮނޑި ލިބުނު އިރު ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 52 ގޮނޑި އެވެ. އަދި ގާންދީ އާއިލާއިން 39 އަހަރުވަންދެން ދިފާއު ކޮށްފައިވާ އުއްތަރު ޕްރަދޭޝްގެ އަމެތީ ދާއިރާގެ ގޮނޑިވެސް އެ ޕާޓީއަށް ގެއްލުނެވެ.
މީގެ ކުރިން ސޯނިއާ ވަނީ ކޮންގްރެސްގެ ލީޑަރުކަން 1998 އިން 2017އަށް ކުރައްވާފަ އެވެ. އަދި އިންޑިއާއަށް 1947ގައި މިނިވަންކަން ލިބުނު ފަހުން އެ ޕާޓީގެ ލީޑަރުކަން އަބަދުވެސް ކުރައްވާފައި ވަނީ ގާންދީ އާއިލާގެ މެމްބަރުންނެވެ.