11 Jan 2012, 19:09
ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އެމްބީސީގެ ބަޖެޓް ހިފެހެއްޓި މައްސަލައިގައި އަހުމަދު އިނާޒްގެ މައްޗަށް ކުރާ ދައުވާ ކުރިޔަށް ގެންދަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން(އެމްބީސީ) އިން ނިންމައިފި އެވެ.
އެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން 2011 ވަނަ އަހަރު ފާސްކުރައްވާފައިވާ ދައުލަތުގެ ބަޖެޓްގައި އެ ކޯޕަރޭޝަނަށް ދީފައިވާ ބަޖެޓް ހިފަހެއްޓި މައްސަލައިގައި އިނާޒްގެ މައްޗަށް ކުރާ ދައުވާ އޭނާ އިސްތިއުފާ ދެއްވި ނަމަވެސް ކުރިއަށްގެންދާ ގޮތަށް އެ ކޯޕަރޭޝަންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ ގާނޫނާ ޚިލާފަށް އެ ކޯޕަރޭޝަންގެ ބަޖެޓް ހިފެހެއްޓުމުގެ ސަބަބުން، އެ ކޯޕަރޭޝަންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅިފައި ވާތީ ކަމަށް އެމްބީސީން ބުނެ އެވެ.
އެމްބީސީގެ އޮފީސް އިމާރާތުގެ ކުށްޔާއި އޮފީހަށް ހޯދާފައިވާ ފަރުނީޗަރާއި އިކްއިޕްމެންޓަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ޖޫރިމަނާވުމުން އެ ކޯޕަރޭޝަނަށް ތަކެތި ދޫކުރި ވިޔަފާރިވެރިންނަށް ލިބުނު ގެއްލުމުގެ ޒިންމާ ވެސް އިނާޒު ފަރުދީގޮތުން ނަންގަވަން ޖެހޭނެ ކަމަށެވެ.