ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ދުވަސްވެ އުފެއްދުންތެރިކަން ދައްވެފައިވާ ވަރަށް ގިނަ ރުށް ހުރިކަމާއި އަލަށް ހެދޭ ކުދި ރުށް ހެދެން ޖާގަ ދިނުމުގެ ގޮތުން ދުވަސްވެފައިވާ ރުއްތަށް ކެނޑޭނެ ނުވަތަ އެހެން ބޭނުމަކަށްވިޔަސް ނެގޭނެ އުސޫލެއް އެކުލަވާލަން ޖެހޭ ކަމަށް މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމިޓީއިން ފާހަގަކޮށްފި އެވެ.

އެންވާރަމެންޓް ކޮމިޓީއިން އެގޮތަށް ފާހަގަކޮށްފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން އަދި ފަޅު ރަށްތަކުން ރުށްގަސް ނަގައިގެން ގެންދާ މައްސަލާގައި މަޖިލީހަށް ހުށަހެޅި ގަރާރު ދިރާސާ ކުރުމަށް ފަހު އެވެ.

ރުށްގަސް ނަގާ މައްސަލަ ދިރާސާކޮށް އެންވާރަމެންޓް ކޮމިޓީއިން ގިނަ ކަންތައްތަކެއް ފާހަގަކުރި އެވެ. އެގޮތުން ރުށްގަސް އެއްރަށުން އަނެއް ރަށަށް ގިނަ އަދަދަކަށް ގެންގޮސްފައިވާ ކަމާއި އެންވާރަމެންޓް މިނިސްޓްރީއިން އެކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރި ކަމަށް ކޮމިޓީއިން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ ފެހިކަން ގެއްލޭވަރު ހުރީ 40 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގައި ކަމަށް ކޮމިޓީއިން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރުކުމަޑީގެ މައްސަލަ ދިމާވަނީ ރާއްޖޭން ބޭރުން ރުށް އެތެރެކުރާތީ ކަމަށްވެސް ކޮމިޓީއިން ވަނީ ފާހަގަކޮށް އެވެ.

ކޮމިޓީއަށް ފާހަގަވި ކަންކަމަށް ރިއާޔަތްކޮށް އިސްލާހު ކުރަން ޖެހެ ކަންކަން ހިމަނައި ކޮމިޓީން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ރުށް ގެންދިޔުން ހަރުދަނާ ކުރުމުގެ ގޮތުން މިޙާރު އެކުލަވާލާފައިވާ ގަވައިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކޮމިޓީއިން ހުށަހެޅި އެވެ.

"ރުއްގަސް ކަނޑަައި އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ހަމައެކަނި ރަށު ކައުންސިލުގެ ބަހެއް ހޯދުމުގެ ބަދަލުގައި މިހާރަށްވުރެ ބޮޑަށް އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމާއި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ވީހާވެސް ބޮޑަށް ރުއްގަސް މަދު ސަރަހައްދުތަކުގައި ހިންގުން." އެންވާރަމެންޓް ކޮމިޓީއިން ހުށަހެޅި އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގަން ރުއްގަސް ކަނޑާނަމަ އޭގެ ބަދަލުގައި އިންދަން ގަވައިދު ލާޒިމްކުރާ ރުއްގަސް އިންދާތޯ މިހާރަށްވުރެ ބޮޑަށް ޔަގީން ކުރުމަށް ކޮމިޓީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދާ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.