24 Aug 2020, 14:58
ކޮވިޑް19އާ ގުޅިގެން ޖީޑީޕީއަށް ނޭދެވޭ އަސަރުތަކެއް ކުރި ގައުމުތަކުގެ ލިިސްޓުގެ ފަސްވަނައިގައި ރާއްޖެ ހިމެނިއްޖެ އެވެ.
ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް އަދި ވޯލްޑް ބޭންކުގެ މައުލޫމާތަށް ބިނާކޮށް އެމެރިކާގެ ވިސާ ވެއިވާ ފާމްއެއް ކަމަށްވާ "އެސްޓާ"އިން ނެރުނު ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި ކޮވިޑާ ގުޅިގެން ރާއްޖޭގެ ޖީޑީޕީން 6.9 ޕަސެންޓު ވަނީ ދަށްވެފަ އެވެ.
ރާއްޖެއަށްވުރެ ބޮޑަށް ޖީޑީޕީ ވެއްޓުނު ހަތަރު ގައުމަކީ ޓާކްސް އެންޑް ކެއިކޯސް އައިލެންޑްސް، އަރޫބާ، މަކާއޯ އެސްއޭއާރު އަދި އެންޓީގުއާ އެންޑް ބާބޫޑާ އެވެ.
މި ފަސް ގައުމާއި ލިސްޓުގައި ދެން ހިމެނޭ އިތުރު ގައުމުތަކަކީ ވެސް ކޮވިޑާއެކު ޓޫރިޒަމް ސިނާއަތަށް އައި ހީނަރުކަމުގެ ސަބަބުން ޖީޑީޕީއަށް ނޭދެވޭ އަސަރު ކުރި ގައުމުތަކެވެ.
ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗު މަހުގެ ފަހުކޮޅުގަ އެވެ. އަދި މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވައިލި ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެދެވޭ ކުރިއެރުމެއް އައިސްފައިނުވެ އެވެ.
ބޯޑަރު ހުޅުވާލުމަށްފަހު ރިސޯޓުތައް ހުޅުވައިލި ނަމަވެސް، ވައިރަސް ފެތުރެމުންދާތީ ގެސްޓްހައުސް ފަދަ ތަންތަން އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.