ކޮވިޑް-19 ޖެހިގެން މިއަދުވެސް ރާއްޖެއިން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ ދަންވަރު އައިޖީއެމްއެޗް އެމަޖެންސީގައި އެޑްމިޓްކުރި 79 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެއީ ކޮވިޑް19ގައި ރާއްޖެއިން މަރުވި 27 ވަނަ މީހާ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ދިގުމުއްދަށް ފަރުވާ ހޯދާ ބައްޔަށް ބޭސްކުރާ މީހުންވެސް ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން 6779 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެތެރެއިން 2531 މީހަކަށް މިވަގުތު ދަނީ ފަރުވާދެމުންނެވެ.

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ޑޮކްޓަރުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގައި އެޑްމިޓްކުރާނެ އެނދު ނެތް ހާލަތަށް ގޮސް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން ނެތް ހާލަތަށް ގޮސްދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އިތުރަށް ކޮވިޑް ފެތުރެމުންދާ ނަމަ ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.