ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުނުވުމުން، ހާޒިރުވުމުގެ އަމުރެއް ނެރެން ކޮމިޓީން ނިންމައިފި އެވެ.

ހެލްތް މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް އެންގީ، ހެލްތް މިނިސްޓްރީން ކޮވިޑަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފިހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ މީހަކު ކޮމިޓީއަށް މިއަދު ހާޒިރުވި އެވެ. ހާޒިރުވާން އެންގި ފަރާތްތަކުގެ ތެރެއިން ކޮމިޓީއަށް ހާޒިރު ނުވަނީ އެ ހަރަދުތަކުގައި އެންމެ ބޮޑު އިހުމާލުވިކަމަށް އޮޑިޓް އޮފީހުން ބުނާ، އަސްލަމް އާއި ނިޝާމާ އެކަންޏެވެ.

ސަބަބަބެއްގެ ގޮތުގައި ކޮމިޓީއަށް ދީފައިވާ މައުލޫމާތަކީ، އެ މައްސަލައަކީ މިހާރު އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގެއް ކަމުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިނުވުމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުން ލަފާ ދެއްވާފައިވާތީ ކަމަށެވެ.

ނުވަ ބޭފުޅުން ހާޒިރުވި އިރު، އެ ބޭފުޅޫންނާއެކު ކޮމިޓީ ކުރިއަށް ގެންދިޔުމާ މެދު ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުނެއެވެ. ބައެއް މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި، ދެ ބޭފުޅުން ހާޒިރުނުވުން ކޮމިޓީގެ މަސައްކަތް ހުއްޓުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި ހާޒިރުވި ބޭފުޅުންނާއެކު ކޮމިޓީ ކުރިއަށް ގެންދިޔުމަށް ބައެއް މެމްބަރުން އެދިވަޑައިގެންނެވި އެވެ.

ނަމަވެސް އެކަމަށް އެހެން ބައެއް މެމްބަރުން ދެކޮޅު ހެއްދެވި އެވެ. އެގޮތުން ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބު ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން މާލީ ޒިންމާދާރުވެރިޔާ އާއި ބިޑު ކޮމިޓީގެ ޗެއާ އަކީ ވަރަށް މުހިންމު ދެ ފަރާތެއް ކަމަށާއި އެ ދެބޭފުޅުން ނުލާ ކޮމިޓީ ކުރިއަށް ގެންދިޔުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ބައެއް ފަރާތްތައް ނުލާ ކޮމިޓީ ކުރިއަށް ގެންގޮސްފިނަމަ، އޭގެ ނާޖާއިޒް ފައިދާ ވަކި ބަޔަކަށް ލިބޭނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.

"އެއް ސުވާލުތަކެއް ކުރުމަށް ވަކި ވަކި ބައްދަލުވުމެއްގެ ގޮތުގައި ބައްދަލުވުން ބާއްވައިފި ނަމަ، ބައްދަލުވުމުގައި ބައިވެރި ނުވާ މީހުންނަށް އޭގެ އެޑްވާންޓޭޖް ލިބޭނެ. އެއްވެސް ބަޔަކަށް އެކަހަލަ ފުރުސަތެއް ދިނުމަށް ތާއީދު ނުކުރަން،" ޔައުގޫބު ވިދާޅުވި އެވެ.

ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވީ، އެ ބޭފުޅުން ހާޒިރުނުވުމުން މަޖިލިސް ގަވައިދާ އެއްގޮތަށް އެމީހުން ހާޒިރުވުމަށް ކޮމިޓީން އަމުރެއް ނެރެދިނުމަށެވެ.

އެ ހުށަހެޅުމަށް ކޮމިޓީގެ ގިނަ މެމްބަރުން ތާއީދުވެސް ކުރެއްވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު ނިންމެވީ، މި މައްސަލައިގައި މާދަމާ މެންދުރު 2:00 އަށް އެމީހުން ކޮމިޓީއަށް ހާޒިރުވުމަށް އަމުރެއް ނެރެދިނުމަށެވެ. އޭގެ އިތުރުން މެމަބްރުން އެދިވަޑައިގަންވާތީ، މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައްވެސް މެމްބަރުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ނާޝިޒު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގެ 147 ވަނަ މާއްދާގެ ދަށުން ކޮމިޓީތަކަށް މީހުން ހާޒިރު ކުރުމަށް އަމުރު ނެރުމުގެ ބާރު ކޮމިޓީޓަކަށް ލިިބިގެންވެއެއެވެ. އަދި ކޮމިޓީއަށް ބޭނުންވާ އެކިއެކި ލިޔެ ކިޔުމާއި އެނޫންވެސް ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމުގެ ބާރުވެސް އެ ގަވައިދުގެ ދަށުން ލިބިގެންވެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް އޮޅުވާލާފައި ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

މި އޮޑިޓް ރިޕޯޓާ ގުޅިގެން މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމިޓީއަށް އޮޑިޓް އޮފީސްގެ ބޭފުޅުންވެސް ހާޒިރު ކުރެވުނެވެ. އެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދަޅުވީ، މިކަމުގައި އެންމެ ބޮޑު އިހުމާލެއް އޮތީ، މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އާއި ބިޑް ކޮމިޓީ ކަމަށެވެ.