24 Aug 2020, 12:14
ފ. ބިލެއްދޫގައި މަސްވެރިކަން ކުރާ ރާސްތާ ދޯނި މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް އިއްޔެ ކުއްލިއަކަށް މަރުވި 49 އަހަރުގެ މީހާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ބިލެއްދޫ ކައުންސިލުން 'ސަން' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ބިލެއްދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ފާނަ މަސްވެރިކަމަށް އެ ދޯނި ހަރަކާތްތެރިވީ މާލެ އަތޮޅުގައި ކަމަށެވެ. ކުއްލިއަކަށް އޭނާ މަރުވުމުން ދޯނިން ގޮސްފައިވަނީ ކ ގުރައިދޫ ސިއްހީ މަރުކަޒަށެވެ.
"ގުރައިދޫ ސިއްހީ މަރުކަޒުން މައުލޫމާތުދޭ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް." ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އޭނާގެ އާއިލާ އިން ބުނީ ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އަންގާފައި ވަނީ މިއަދު ކަމަށެވެ.
އޭގެ ފަހުން ސީ އެމްބިއުލެންސްގައި އޭނާ ގެންދިޔައީ ބިލެއްދޫ އަށެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް ޖެހިގެން ކަމެއް ނުވަތަ މަރުވާން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މަރުވިފަހުން ހެދި ޓެސްޓްގެ ނަތީޖާއިންނެވެ.
އެ ކޭސްއާ ގުޅިގެން މިހާރު ބިލެއްދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާއިރު އަދި މިހާތަނަށް އެއްވެސް ގެޔެއް ކަރަންޓީނަކަށް ނުލަ އެވެ. އެކަމަކު ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
ރާސްތާ އެންމެ ފަހުން ބިލެއްދޫއިން ނައްޓާލާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.