ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަނގުލަދޭޝްގެ މަސައްކަތު މީހުން ހޯދައި ރަޖިސްޓްރީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފޮރިން މިނިސްޓަރާއި ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އަދި ޔޫތު އެންޑް އެމްޕްލޯއިމެންޓް މިނިސްޓަރާއި އެޓާނީ ޖެނެރަލް ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ހުރިހާ މިނިސްޓްރީތައް ގުޅިގެން އަންނަ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަނގުލަދޭޝްގެ މަސައްކަތު މީހުން ހޯދައި ރަޖިސްޓްރީކޮށް، ވަޒީފާ ދޭން ބޭނުންވާ ފަރާތްތަކާ ހަވާލުކޮށް، ހަވާލުވާނެ ބަޔަކު ނުވާ މީހުން ފޮނުވާލުމުގެ މަސައްކަތް ކޯޑިނޭޓް ކުރާނީ ފޮރިން މިނިސްޓްރީން ކަމަށް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވި އެވެ.

"ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަނގުލަދޭޝް މީހުން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް މިފައްޓަނީ، ރަޖިސްޓްރީ ކޮށްފައި އެމީހުންގެ ސެކިއުރިޓީ އައިޑެންޓިޓީއެއް އެމީހުންނަށް ދޫކުރަން ވަނީ ހަމަޖެހިފައި. އޭގެ ދަށުން އަޅުގަނޑުމެންނަށް އިނގޭނެ އުޅެނީ ބަނގުލަދޭޝް މީހުންނެއް ކަމާއި އެމީހުން އުޅެނީ ކޮންތަންތަނެއްގައި ކަން،" ފޮރިން މިނިސްޓަރު ނަސީމު ވިދާޅުވި އެވެ.

ނަސީމު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަވައިދާ ހިލާފަށް ބިދޭސީ މަސައްކަތު މީހުން އުޅޭ ނަމަ ބައިނަލްއަގުވާމީ މުޖުތަމައުން ބަލަނީ އެމީހުންނަކީ ހިއުމަން ޓްރެފިކިންގެ އަނިޔާލިބިފައިވާ މީހުން ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިން ލިސްޓްގެ ޓިއާ ދެއަކަށް މިހާރު ރާއްޖެ އަރާފައިވާ ކަމަށާއި ޓިއާ ތިނަކަށް އަރައިފި ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ތަސައްވުރު ހަޑިވެ، ދަތި ކަންތައްތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ހިއުމަން ޓްރެފިކިންގެ ދެ ވަނަ ޓިއާގައި މިހާރު އަޅުގަނޑުމެން މިތިބީ. ދެން މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެންނަށް އެޑްރެސް ނުކުރެވިއްޖެއްޔާ ޓިއާ ތިނަކަށް އަޅުގަނޑުމެން ހިނގައިދާނެ. ގޮއްސިއްކަމަށް ވަނީ ނަމަ ދިވެހިރާއްޖޭގެ އެންމެހާ ކަންތައްތަކަށް ވަރަށް ދަތި ގޮތްތަކެއް މެދުވެރިވެދާނެ،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު އެންޑް އެމްލޯއިމެންޓް މިނިސްޓަރު ހަސަން ލަތީފު ވިދާވީ ގަވައިދާ ހިލާފަށް އުޅޭ ބަނގުލަދޭޝްގެ މީހުން ހޯދައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިމެންދެން، އެ ގައުމުން އިތުރު މީހުން ގެނައުމަށް ވޯކްޕާމިޓް އަލުން ދޫނުކުރާނެ ކަމަށެވެ.

"މިމަސައްކަތް ނުނިމެނީސް ބަނގުލަދޭޝްއިން އިތުރު މީހުންނަށް ވޯކްޕާމިޓް ހޯދަން ހުށައަޅާ ފޯމް އަޅުގަނޑުމެން ބަލައެއް ނުގަންނާނަން. އެހެން ނަމަވެސް މިހާރު ހުށައަޅާފައި ހުރި ފޯމްތަކަށް ވޯކްޕާޓް ދޫކުރާނަން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި ރަޖިސްޓްރީ ކުރުމުގެ އަމަލީ މަސައްކަތުގައި ހޯމް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެހީތެރިކަން އެމަސައްކަތަށް ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހީމް ކަލޭފާނު ވިދާޅުވި އެވެ. އަދި އެމަސައްކަތުގައި ބޭނުންވާ ގާނޫނީ އެހީތެރިކަން ދެއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އުޅޭ މަސައްކަތު މީހުން ހޯދައި ރަޖިސްޓްރީ ކުރާއިރު އެމީހުންނާ ހަވާލުވާން ބޭނުންވާ ވަޒީފާދޭން މީހުންނަށް އެމީހުންނާ ހަވާލުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސްޕޮންސާ ކުރާނެ ފަރާތެއް ހޯދުމުގެ ފުރުސަތު ބިދޭސީ މީހާއަށް ވެސް އޮންނާނެ ކަމަށް އެމްޕްލޯއިމެންޓް މިނިސްޓްރާއި ހޯމް މިނިސްޓަރު ވެސް ވިދާޅުވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ މަސައްކަތު މީހުންގެ ފަރާތުން ސަރުކާރަށް ކުރިން ދައްކަން ޖެހިފައި އޮންނަ އެއްވެސް ފައިސާއެއް މިޕްރޮގްރާމްގެ ތެރެއިން ހަވާލުވާ ވަޒީފާ ދޭ ފަރާތްތަކުން ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ ފައިސާއެއް އެ މަސައްކަތު މީހާ ވެސް ދައްކަން ނުޖެހޭނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަނގުލަދޭޝްގެ މީހުން ހޯދުމުގެ ޕްރޮގްރާމް ހިންގާނީ މާދަމާއިން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށާއި އެހެން ނަމަވެސް އެ ތާރީހަށް މަސައްކަތް ނިންމާ ނުލެވިއްޖެ ނަމަ މަސައްކަތުގެ މުއްދަތު އިތުރުކޮށްގެން ވެސް މައްސަލައަށް ހައްލެއް އަންނަންދެން މަސަކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރުން ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަނގުލަދޭޝްގެ މަސައްކަތުމީހުން ހޯދައި ރަޖިސްޓްރީކުރުމުގެ މަސައްކަތުގައި ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ހޯއްދަވާނެކަމަށް ހޯމް މިނިސްޓަރު އަފީފު ވިދާޅުވި އެވެ.