24 Aug 2020, 14:45
ވޮޝިންޓަން (އޮގަސްޓު 24): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުޝީރެއް ކަމަށްވާ ކެލިއޭން ކޮންވޭ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިކަން އިއުލާން ކުރައްވައިފި އެވެ.
ކޮންވޭ ނެރުއްވި ބަޔާނެއްގައިވާ ގޮތުން އޭނާ މި މަސް ނިމުމުން އިސްތިއުފާ ދެއްވަނީ އޭނާގެ އާއިލާއާ އެކު ވަގުތު ހޭދަ ކުރައްވާ މިންވަރު އިތުރު ކުރުމަށްޓަކަ އެވެ. އަަދި އެއީ އޭނާ އަމިއްލައަށް ނިންމެވި ނިންމެވުމެއް ކަމަށާއި ކުރިއަށް އޮތް މަސައްކަތްތަކާ ބެހޭ ގޮތުން ފަހުން މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕްގެ ނިންމެވުންތަކަށް އެންމެ ބޮޑަށް ތާއިދު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ކޮންވޭގެ ފިރިކަލުން ޖޯޖް ކޮންވޭއަކީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. އަދި އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުން ޓްރަމްޕް ބަލި ކުރުމަށް ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން އުފައްދާފައިވާ ލިންކަން ޕްރޮޖެކްޓުގައި ޖޯޖް ކޮންވޭ އިސް ދައުރެއް އަދާ ކުރައްވަ އެވެ. ނަމަވެސް ޖޯޖް ވެސް ވަނީ ލިންކަން ޕްރޮޖެކްޓުން އޭނާ ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮންވޭ ވިދާޅުވި ގޮތުގައި އެ ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ގިނަވި ނަމަވެސް ދެ މީހުންވެސް އެންމެ މުހިއްމު ކަމަކަށް ދެކިލައްވަނީ އެ ދެމަފިރިންގެ ދަރިންނެވެ.
"އަޅުގަނޑުމެންގެ ހަތަރު ކުދިންނަކީ ސާނަވީ އަދި މަތީ ސާނަވީ ސްކޫލުތަކުގައި ދިރާސީ އާ އަހަރެއް ފަށާ ކުދިން. އަދި މިގައުމުގެ އެތައް މިލިއަން ބެލެނިވެރިންނަށް އެނގޭނެ ފަދައިން، ދަރިވަރުން ގޭގައި ކިޔެވުމަކީ އާންމު ހާލަތާ ހިލާފަށް އިތުރު ސަމާލުކަން ބޭނުންވާ ކަމެއް،" ކޮންވޭ ވިދާޅުވި އެވެ.
ކޮންވޭ އެފަދައިން ވިދާޅުވީ، އޭނާގެ 15 އަހަރުގެ ދަރިފުޅު ކްލޯޑިއާ އޭނާގެ މަންމައަށް ޓުވިޓާ މެދުވެރިކޮށް ފާޑު ކީ ފަހުންނެވެ. އަދި މަންމަގެ ވަޒީފާގެ ސަބަބުން އޭނާގެ ދަރިންނަށް ނޭދެވޭ އަސަރު ކުރާކަން އެނގުނު ނަމަވެސް އޭނާ އެ ވަޒީފާ އަދާކުރަމުން ދަނީ އަމިއްލަ އެދުމާ ހެދި ކަމަށާއި ކޮންވޭ ބޭނުންވަނީ ލާރިއާއި މަގުބޫލުކަން ކަމަށް ބުނި ފަހުންނެވެ.
ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރު ކަން 2016 ވަނަ އަހަރު ކުރެއްވި ކޮޮންވޭއަކީ އެމެރިކާގައި ކާމިޔާބު ރިޔާސީ ކެމްޕޭނެއް ހިންގެވި ފުރަތަމަ އަންހެން މެނޭޖަރެވެ.
ކޮންވޭ މީގެ ކުރިން ސަރުކާރު ދިފާއު ކުރައްވަން އުޅުމުގެ ތެރޭގައި ދެއްކެވި ބައެއް ވާހަކަތަކަށް މީހުންގެ ނުރުހުން އަމާޒުވެފައިވެ އެވެ. އެގޮތުން ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ދިޔުން މަނާ ކުރައްވާ ޓްރަމްޕް ނެރުއްވި އަމުރު ދިފާއު ކުރައްވަމުން ކޮންވޭ ވަނީ "އިރާގުގެ ޓެރަރިސްޓުންތަކެއް" އެމެރިކާގައި ގިނަ އަދަދެއްގެ މީހުން މެރި ހާދިސާއެއްގެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އެފަދަ ހާދިސާއެއް އެގައުމުގައި ހިނގާފައި ނުވެ އެވެ.
މީގެ އިތުރުން ކޮންވޭގެ އިންޓަވިއުއެއްގައި ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާގެ ކުންފުނި ޕްރޮމޯޓު ކުރެއްވުމުން އެ މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ސަރުކާރުގެ އެތިކްސް އެޑްވައިޒަރީ ބޯޑުން ބުނެފައިވެ އެވެ.