24 Aug 2020, 11:58
ކޮވިޑް19 އަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވާ މީހުން، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނުން އިސްތިސްނާ ވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެ، ބަލިން މުޅިން ރަނގަޅުވާ މީހުން، ޕޮޒިޓިވްވި ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށްއިސްތިސްނާވާނެ ކަންކަން ބަޔާންކޮށް އުސޫލެއްއާންމުކޮށްފައެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ކޮވިޑް19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައިންޓިފިކް ހޯދުންތަކުން، ބައްޔަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލި ފެތުރޭކަން ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން ވަކި ކަންކަމަމުން އިސްތިސްނާ ވާނެ ކަމަށާއި، އެ އިސްތިސްނާތައް ހިނގާނީ ކޮވިޑް19 އަށް ޕޮޒިޓިވްވި ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ބަލި ޖެހި، ރަނގަޅުވާ މީހުން ކޮވިޑް19 އަށް ޕީސީއާރް ޓެސްޓުކުރުމާއި، ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމުން އިސްތިސްނާ ވާނެ ހާލަތްތައް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ވަޒީފާއަށް ނުވަތަ މަސައްކަތަށް ނުކުތުމުގެ ބޭނުމުގައި ކޮވިޑަށް ޕީސީއާރް ޓެސްޓްކުރުމާއި، ބަލީގެ އަލާމާތެއް ނެތް ނަމަ، ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވާތީ ޓެސްޓުކުރުމާއި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސަވައިލަންސްގެ ތެރެއިން ޓެސްޓުކުރުމުން އެމީހުން އިސްތިސްނާ ވާނެއެވެ.
އަދި ބަލީގެ އަލާމާތެއް ނެތް ނަމަ، ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވާތީ ކަރަންޓީނުކުރުމާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނު ކުރުމުންނާއި ކޮވިޑް19 އާ ގުޅިގެން އެމީހަކު ދިރިއުޅޭ ގެއަށް ވަދެ ނުކުތުން މަނާކުރެވިފައިވާ ހާލަތުގައި ކަރަންޓީނުގައި ހުރުމުން ވެސް އެމީހުން އިސްތިސްނާވާނެއެވެ.
ހަމައެއާއެކު އެހެން އެއްވެސް ކަމަކާ ގުޅިގެން ޓެސްޓުކޮށް، ކޮވިޑް19 އަށް ޕޮޒިޓިވްވުމުން އައޮލޭޓްކުރުމުން ވެސް އެމީހުން އިސްތިސްނާ ވާނެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް19 އާ ބެހޭގޮތުން ހޯދޭ ސައިންޓިފިކް ހޯދުންތަކުގެ އަލީގައި މި އިސްތިސްނާތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.