24 Aug 2020, 11:48
އެމެޖެންސީ މެޑިކަލް ސާވިސްގެ ނަމުގައި ކުރިއަށްގެންދާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމާއި ކުއްލި ހާލަތުގައި ދޭންޖެހޭ ފަރުވާ ދިނުން އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް، ނެޝަނަލް އެމްބިއުލާންސް ސާވިސް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.
ކޮވިޑް19 ގެ ހާލަތާ ގުޅިގެން އެމްބިއުލާންސްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން، އެ ތަމްރީނު ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ރެޑްކްރެސެންޓް އަދި ޕެރެމެޑިކް ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުގައި އެކި މުއައްސަސާތައް ހިމެނޭ ގޮތުން 30 މުވައްޒަފުން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.
އެ ޕްރޮގްރާމުގައި، ފުރަތަމައެހީ ބޭނުންވާ ހާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދޭނެގޮތުގެ މައުލޫމާތުދިނުމުގެ އިތުރުން އެކަމުގެ އަމަލީ ތަމްރީނުތަކެއްވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ކުއްލި ހާލަތު ދިމާވެފައިވާ މީހުންނާ މުއާމަލާތު ކުރާނެ ގޮތުގެ މައުލޫމާތު ވެސް ވަނީ ދީފަ އެވެ.
އެގޮތުން މުއާމަލާތުކުރާނެ ރަނގަޅު ގޮތްތައް ބުނެދީ ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ހާލަތްތަކުގައި އަންނަ ކޯލްތަކަށް ވީއެންމެ އަވަހަކަށް ޖަވާބުދާރީވާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތުދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާ ގުޅިގެން، އެމްބިއުލާންސް ދަތުރުކުރާ ވަގުތުތަކުގައި އެހެނިހެން އުޅަނދުތައް އެންބިއުލާންސަށް ތަންދެއްކުމާއި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މަގު ބަންދުކުރަން ޖެހިއްޖެ ހާލަތުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތު ވެސް ވަނީ ދީފަ އެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ މައުލޫމާތުދީ އެކަމުގެ ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.