ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު އަށަކުން ފަތިހު ފަހަކާއި ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުުން މަނާކޮށްފައިވީ ނަމަވެސް، ފައިމަގުގައި ޑެލިވަރީ ކުރުމަށް ހުރަހެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އާ ފިޔަވަޅުތަކާ ގުޅިގެން ކެފޭ ރެސްޓޯރަންޓް ހިންގާ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން ރެސްޓޯރަންޓުތަކަށް ޑެލިވަރީ ނުކުރެވި، އެމީހުންގެ ވިޔަފާރިތައް އިތުރަށް އިނދަޖެހިގެން ދާނެ ކަމަށް ބުނެ، މާލޭގެ ރެސްޓޯރަންޓްތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އިއްޔެ ވަނީ އިހުތިޖާޖުވެސް ކޮށްފަ އެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފިޔަވަޅުތަކާ ގުޅިގެން ޑެލިވަރީކުރުން މަނާކޮށްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި، އުޅަނދުފަހަރުގައި ކާބޯތަކެތި ޑެލިވަރީ ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށެވެ.

"އެހެން ނަމަވެސް ނުވަގަޑި ތިރީހާ ހަމައަށް ޑެލިވަރީކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވެއްޖެކަމަށް ވާނަމަ ފައިމަގުގައި އެކަން ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ބައިސްކަލުގައި ވެސް ޑެލިވަރީ ކުރަން ފުރުސަތު ނުދެވޭނެ ކަމަށެވެ.

ރޭގަނޑު އަށަކުން ފަތިހު ފަހަކާއި ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުުން މަނާކުރީ ޒުވާނުންގެ އެއްވުންތައް މަދުކުރުމަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މި ނިންމުމާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ ލަތީފް ވިދާޅުވީ މިކަމުން ތަކުލީފުތަކެއް ކުރިމަތިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު ފިޔަވަޅުތައް ވަރުގަދަ ނުކޮށްފިނަމަ، ފަހުން މާ ބޮޑެތި ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން އިތުރު ލޮކްޑައުން އަކަށް ނުގޮސް، ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް ޑރ. އެދިވަޑައިގަތެވެ.