24 Aug 2020, 11:52
ކްރައިސްޓްޗާޗް (އޮގަސްޓު 24): ނިއު ޒީލޭންޑުގެ ދެ މިސްކިތަކަށް މިދިޔަ އަހަރު ބަޑިން ހަމަލާ ދިން މީހާ އިތުރު މިސްކިތަކަށްވެސް ހަމަލާ ދޭން ރޭވި ކަމަށް އެ މައްސަލައިގެ ޝަރީއަތުން އެނގިއްޖެ އެވެ.
މިދިޔަ އަހަރުގެ މާޗް 15އިގައި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ބްރެންޓަން ޓެރަންޓު ހަމަލާ ދިނީ ކްރައިސްޓްޗާޗުގެ އަލް ނޫރު މިސްކިތާއި ލިންވުޑް މިސްކިތަށެވެ. އެ ހަމަލާގައި 51 މީހަކު މަރުވެ، 49 މީހަކަށް އަނިޔާވި އެވެ. އަދި އެ ހަމަލާ އޭނާ ފޭސްބުކުން ލައިވް ކުރި އެވެ.
އެ ހަމަލާއާ ގުޅިގެން ޓެރަންޓުގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ 51 ދައުވާ އާއި މީހަކު މަރަން އުޅުމުގެ 40 ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއްކޮށްފަ އެވެ. އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެފަ އެވެ. އަދި މިއަދުން ފެށިގެން އިތުރު ތިން ދުވަހަށް ކުރިއަށްގެންދާ އަޑު އެހުންތަކަށް ފަހު އޭނާގެ މައްޗަށް ހުކުމް ކުރާނެ އެވެ.
އެ މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ޕްރޮސެކިއުޓަރު ވިދާޅުވި ގޮތުގައި ޓެރަންޓުގެ ހަމަލާގައި "ވީހާވެސް ގިނަ މީހުން މެރުމުގެ" ބޭނުމުގެ އޭނާ އެތައް އަހަރެއް ކުރިން ހަމަލާ ރާވަން ފެށި އެވެ. އަދި އޭނާ ނިއު ޒީލޭންޑުގެ މިސްކިތްތަކާ ބެހޭ މައުލޫމާތާއި އެ މިސްކިތްތަކަށް އެންމެ ގިނަ މީހުން ދާނެ ގަޑިތައް ހޯދި އެވެ.
މީގެ އިތުރުން ހަމަލާ ދިނުމުގެ ދުވަސްކޮޅެއް ކުރިން ޓެރަންޓު އަލް ނޫރު މިސްކިތް މަތިން ޑްރޯންއެއް އުދުއްސި އެވެ. އަދި އަލް ނޫރު މިސްކިތާއި ލިންވުޑް އިސްލާމިކް ސެންޓަރުގެ އިތުރުން ކްރައިސްޓްޗާޗާ 85 ކިލޯމީޓަރު (53 މޭލު) ދުރުގައި އޮންނަ އޭޝްބާޓަންގެ މިސްކިތަކަށް ހަމަލާ ދޭންވެސް އޭނާ ރޭވި އެވެ. ނަމަވެސް އެ މިސްކިތަށް ދެވުމުގެ ކުރިން އޭނާ ހައްޔަރު ކުރީ އެވެ.
ޓެރަންޓު ހައްޔަރު ކުރި ފަހުން އޭނާ ފުލުހުންގެ ގާތުގައި ބުނި ގޮތުގައި އޭނާ ރާވައިގެން ހުރީ މިސްކިތްތަކަށް ހަމަލާ ދިނުމަށް ފަހު އެ މިސްކިތްތަކުގައި ރޯކޮށްލާށެވެ.
އެ މައްސަލާގައި ޓެރަންޓުގެ މައްޗަށް މަދުވެގެން 17 އަހަރުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. އަދި އޭނާއަށް ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށް ލުމުގެ ބާރުވެސް ހައި ކޯޓަށް ލިބޭނެ އެވެ.
އެ ހަމަލާ ދިންތާ އެއް މަސްވެސް ނުވަނީސް ނިއު ޒީލޭންޑުގެ ޕާލިމެންޓުން ވަނީ ހަމަލާ ދޭން ބޭނުން ކުރި ބާވަތުގެ ހުރިހާ ބަޑިއެއް ބޭނުން ކުރުން މަނާކޮށްފަ އެވެ.