24 Aug 2020, 11:56
ޗައިނާގެ މަޝްހޫރު ވީޑިއޯ ޝެއަރިން ޕްލެޓްފޯމް ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރުމަށް އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ނިންމުމުން އެމެރިކާ ސަރުކާރަށް ދައުވާ ކުރުމަށް ނިންމައި ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ޓިކްޓޮކް ހިންގާ ކުންފުނި ކަމަށްވާ ބައިޓްޑާންސް އިން އެމެރިކާ ސަރުކާރާ ދެކޮޅަށް އެ މައްސަލަ ހުށަހަޅަން ވާން ޖެހޭ ތައްޔާރީތައް ވަމުންދާއިރު މި ހަފްތާގެ ތެރޭގައި އެ މައްސަލަ ހުށަހަޅާނެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެއެވެ.
އެ މައްސަލަ ހުށަހަޅާނީ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކަށް ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.
ބައިޓްޑާންސް އިން ބުނެފައިވަނީ ޓިކްޓޮކް މައްސަލައިގައި އެމެރިކާއާ ދެކޮޅަށް ދައުވާކުރަން ޖެހުނީ އިތުރު ގޮތެއް ނެތިން ކަމަށެވެ. އެގޮތުން ފާއިތުވި ތަނުގައި އެކުންފުނިން ވަނީ ސަރުކާރާ މަޝްވަރާކޮށް ހައްލު ހޯދުމަށް އެތައް ފަހަރެއްގެ މަތީން މަސައްކަތްކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެކަންތައް ކާމިޔާބު ނުވާ ކަމަށް ބައިޓްޑާންސް އިން ފާހަގަކުރިއެވެ.
އެމެރިކާގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ޓިކްޓޮކްއާ ގުޅޭގޮތުން މީގެކުރީން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އެމެރިކާގެ އާންމުންގެ ޒާތީ މަައުލޫމާތުތައް އެއްކޮށް އެ މައުލޫމާތުތައް ބޭނުންކުރަމުންދާ ކަމަށް ސެކިއުރިޓީ އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ.
ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކޮށްފިނަމަ އޭގެ ސަބަބުން އެ ޕްލެޓްފޯމަށްވެސް ގެއްލުންވާނެ އެވެ. ސަބަބަކީ ޓިކްޓޮކްގެ އެންމެ މަގުބޫލު ޔޫޒަރުންގެ ތެރޭގައި ހިމެނޭ ޗާލީ ޑިއެމީލިއޯ ފަދަ ޔޫޒަރުންނަކީ އެމެރިކާ ޔޫޒަރުންނަށްވީމަ އެވެ.
އެމެރިކާގައި އެކަނިވެސް މަހެއްގެ މައްޗަށް 80 މިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.