ހަ ރަށެއްގައި ކަަރަންޓީނުކޮށްފައި ތިިބި 10 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވްވެފައިވަނީ އެ ރަށަށް ދަތުރުކޮށް ހޯމް ކަރަންޓީނު ނިންމާ، ދޫކޮށްލަން ވެގެން ޓެސްޓު ހެދި މީހުންތަކެއް ކަމަށެވެ.

އޭގެ ތެރޭގައި ރ. ދުވާފަރުން ދެ މީހަކާއި ހަމަ އެ އަތޮޅު ކިނޮޅުހުން ޕިލިޕިންސް މީހަކާއި ކ. ހިންމަފުށިން ދެ މީހަކު ހިމެނެ އެވެ. އޭގެ އިތުރުން ތ. އޮމަދޫން ތިން މީހަކާއި ލ. ގަމުން އެކަކު އަދި އައްޑޫ ސިޓީން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ދުވާފަރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން އަހަރުގެ ކުއްޖެއް ހިމެނޭއިރު އޮމަދޫން ވަނީ ދެ އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެފަ އެވެ.

ކޮވިޑްގެ ބަލި މީހުން މިހާރު ރާއްޖޭގެ 21 ސަރަހައްދެގައި ތިބިކަަމަށް އެޗްޕީއޭއިން މީގެ ދެ ދުވަސްކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން 10 ރިސޯޓަކުންވެސް ކޭސްތައް ވަނީ ފެނިފަ އެވެ.

ފަަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާއިރު އިއްޔެވެސް ވަނީ 119 މީހުން ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 6،660 މީހަކަށް ކޮވިޑް ޖެހުނު އިރު، 26 މީހަކު ވަނީ ރާއްޖޭގައި މަރުވެފަ އެވެ. އެ ބަލީގައި މިހާރުވެސް 2،486 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.