24 Aug 2020, 09:36
ރިބާތް (އޮގަސްޓް 24) : އިސްރާއީލާ ގުޅުންތައް އުފެއްދުމަކީ ރަތްރޮނގެއް ކަމަށާއި އެ ރަތްރޮނގު ހުރަސް ނުކުރާނެ ކަމަށާއި އެއީ ޚިޔާނާތެއް ކަމަށް އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ މަޣްރިބް (މޮރޮކޯ) އިން ބުނެފި އެވެ.
މަޣްރިބުގެ ބޮޑުވަޒީރު ސައުދުއްދީން އަލްޢުޘްމާނީ ވިދާޅުވީ އޭނާގެ ގައުމުން އިސްރާއީލާ ގުޅުންތައް ނުއުފައްދާނެ ކަމަށާއި ފަލަސްތީނުގެ ބިމާއި ހައްގުތަކާ އަދި ގުދްސާއި މަސްޖިދުލްއަގްސާގެ އަރަބި އިސްލާމީ ވަންތަކަން ގުރުބާންކޮށްލުމަށް ފަހު އިސްރާއީލާ ގުޅުންތައް އުފެއްދުމަކީ އުންމަތުގެ ހައްގުގައި ވެވޭ ޚިޔާނާތެއް ކަމުގަ އެވެ.
ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓް (ޔޫއޭއީ) އިން ފަލަސްތީނުގެ ބިމާއި ހައްގުތަކާ އަދި ގުދްސާއި މަސްޖިދުލްއަގްސާ ގުރުބާން ކޮށްލުމަށް ފަހު އިސްރާއީލާ ގުޅުންތައް އުފެއްދުމަށް ނިންމި ނިންމުމަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވައި މަޣްރިބުގެ ބޮޑުވަޒީރު ޢުޘްމާނީ ވިދާޅުވީ މަޣްރިބުން އެގޮތަށް ކަންތައް ނުކުރާނެކަމުގަ އެވެ. އަދި ބަޔަކު އެގޮތަށް ކަންކުރި ނަމަވެސް މަޣްރިބުން ފަލަސްތީނަށާއި ގުދްސަށާއި އަދި މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ޚިޔާނާތްތެރި ނުޥާނެކަމުގަ އެވެ.
ޔޫއޭއީ އިން އިސްރާއީލާ ގުޅުންތައް އުފައްދަން ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަރަބި އެހެން ބައެއް ގައުމުތަކުން ވެސް ލަސްތަކެއްނުވެ އިސްރާއީލާ ގުޅުންތައް އުފައްދާނެ ކަމަށް ވިދާޅުވެ، އެތައް ފަހަރަކު ވަހަކަ ދައްކަވައިފަ އެވެ. ފަލަސްތީނުގެ ބިމާއި ހައްގުތަކާއި ފަލަސްތީނުގައިވާ މަސްޖިދުލްއަގްސާ ފަދަ އިސްލާމީ މުގައްދަސް ތަންތަނަށް އިސްރާއީލު ވެރިވެގަނެގެންއުޅޭ އުޅުމާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާއާ އަޅާނުލައި އިސްރާއީލާ އަރަބިން ގުޅުންތައް އުފެއްދުމަށް އެމެރިކާ ބާރުއަޅަމުން ގެންދާއިރު އެފަދަ ކަމެއް އަރަބި ގައުމަކުން ކުރުމަކީ ޓްރަމްޕްގެ ސަރުކާރަށް ލިބޭ އާދަޔާ ޚިލާފު ކާމިޔާބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އިސްރާއީލާ އެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ގެންދާކަމުގެ އަޑުތައް އަރާފައިވާ ގަލްފުގެ ދެގައުމު ކަމަށްވާ ބަހްރައިން އާއި ސައޫދީ އަރަބިޔާ އިން ވެސް ޔޫއޭއީ އެޅި ފަދަ ޚިޔާނާތުގެ ފިޔަވަޅުތަކެއް ދާދިއަވަހަށް އަޅާނެކަމަށް އުންމީދު ކުރައްވައި ޓްރަމްޕް ވާހަކަ ދެއްކެވި ނަމަވެސް ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުޙާން އާލު ސުއޫދު ދާދިފަހުން ވަނީ އެފަދަ ފިޔަވަޅެއް ސައޫދީން ނާޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ސައޫދީން އިސްރާއީލާ ގުޅުންތައް އުފައްދާނީ އަރަބި ގައުމުތަކުން އިސްރާއީލާ މެދު ގެންގުޅޭ ސްޓްރެޓެޖީ އެއްގޮތަށް އިސްރާއީލުން އަމަލު ކުރުމުން ކަމަށާ އެ ސްޓްރެޓެޖީ އާ ސައޫދީ ޚިލާފުނުވާނެ ކަމަށް ސައޫދީ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
އަރަބި ގައުމުތަކުން އިސްރާއީލާމެދު ގެންގުޅޭ ސްޓްރެޓެޖީ އަކީ އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ އިން ފާބައި އެދެސަރަހައްދުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އެއްބަސްވުމުން ނޫނީ އިސްރާއީލާ ގުޅުން ނުއުފެއްދުމެވެ.
ޔޫއޭއީ ވަނީ މިސްޓްރެޓެޖީ ދޫކޮށްލައި އަރަބި އިޖްމާއުން ބޭރުގެ އަމިއްލައަށް އެކަހެރިވެގެންފަ އެވެ. ނަމަވެސް ފަލަސްތީނުގެ މައްސަލައާއި ގުދްސުގެ މައްސަލާގައި ސައޫދީގެ އަޅާލުން މިފަހަކަށް އައިސް ވަރަށް ބޮޑަށް ކުޑަވެފައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އިސްރާއީލުން ސިފަކުރާގޮތަށް ސައޫދީން ވެސް ސިފަކުރަމުން ގެންދާތީ ފަލަސްތީނުގެ ހައްގުތަކުގެ މައްސަލާގައި އަރަބި އިސްލާމީ ދުނިޔޭގައި ސައޫދީގެ އިތުބާރު ކުރިއާ އަޅާބަލާއިރު މިހާރު ވަރަށް ކުޑަ އެވެ.
މީގެ އިތުރުން ސިއްރިޔާތުގައި ސައޫދީން އިސްރާއީލާ ގުޅުންތައް ބާއްވަމުން ގެންދާކަން ކަށަވަރުވެފައި ވުމާއި އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރި މައްސަލާގައިވެސް ސައޫދީ އަޅާނުލައި އޮތުމުންނާއި އަރަބި ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކާއި ފިތުނަތައް ހުއްޓުވަން މަސައްކަތް ކުރުމުގެ ބަދަލުގައި އެކަންކަމުގެ ތެރެއަށް ސިޔާސީ ބޭނުންތަކުގައި ޔޫއޭއީ އާ ގުޅިގެން ސައޫދީވެސް ވަންނަމުން ދިޔުމަކީ ސައޫދީންގެ އިތުބާރާއި އިޙުތިރާމު އަރަބި އިސްލާމީ ގައުމުތަކުގައި ކުޑަވެގެން ދިޔަ ކަމެކެވެ.
ޔޫއޭއީން އިސްރާއީލާ ގުޅުންތައް ގާއިމްކުރުމަށް ނިންމި މައްސަލާގައި މަޣްރިބްގެ ރައްޔިތުން ވަނީ އެކަންކުށްވެރިކޮށް އިޙްތިޖާޖްކޮށްފަ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)